29 Oct 2011, 10:22
ސަން ފްރަންޓުން "މައި ޑްރީމް ހޯމް" ގެ ނަމުގައި ބޭއްވި ކުރެހެމުގެ މުބާރާތުގެ އެއްވަނަ ތާޖުއްދީން ސުކޫލުގެ ދަރިވަރު ނައުޝީން އަހްމަދު ނާޝިދު ހާސިލްކޮށްފިއެވެ. މުބާރާތުގެ އެއް ވަނަ، އުމުރުން އަށް އަހަރުގެ ނައުޝީން ހޯދުމުން އޭނާއަށް ވަނީ 50،000ރ. ސަން ފްރޮންޓުން ދީފަ އެވެ.
މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު 10 ކުރެހުންތެރިން ހޮވައި އެއިން ކޮންމެ ފަރާތަކަށް ވެސް 1،000ރ. ސަންފްރޮންޓުން ވަނީ ދީފައެވެ.
މި އަހަރު ސަންފުރަންޓުގެ ޝޯރޫމް، ސަންފުރަންޓް ލިވިން ހުޅުވުމަށް ފަހު މައި ޑްރީމް ހޯމް ގެ ނަމުގައި ބޭއްވި ކުރެހެމުގެ މުބާރާތަކީ ހަތް އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒުކޮށް މުޅި ރާއްޖެއަށް ހުޅުވައިލި މުބާރާތެކެވެ. މުބާރާތުގައި ކުރެހުންތަކަށް އިންސާފު ކޮށްދިނީ ޔުނައިޓެޑް އާޓިސްޓްސް އޮފް މޯލްޑިވްސްގެ ފަޑިޔާރުންނެވެ.
"މައި ޑްރީމް ހޯމް" ކުރެހުމުގެ މުބާރާތުގެ ވަނަވަނައަށް އައި ދަރިވަރުންނަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިނާމު ދެއްވެވީ ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެ މަނިކުފާނުގެ އަނބިކަލުން ނެވެ.
އެ ހަފުލާގައި ނައިބް ރައީސް ވިދާޅުވީ ރީތިކޮށް ޑިޒައިންކޮށްފައިވާ ތަނަވަސް ގެއެއް ލިބުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށާއި ސަންފްރަންޓުން ކުރެހުމުގެ އެފަދަ ފުރުސަތެއް ކުޑަ ކުދިންނަނަށް ހުޅުވައިލި ކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މައި ޑްރީމް ހޯމްގެ ނަމުގައި ކުރެހުމުގެ މުބާރާތެއް ބޭއްވުމަކީ ވަރަށް މާނަހުރި ކަމެއް ކަމަށާއި އެފަދަ ތަނަވަސް ހިޔާލެއް ސަންފްރޮންޓުން ބޭނުން ކުރެއްވީތީ ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ސަން ފްރަންޓުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝާދު އާދަމް ވިދާޅުވީ އެ މުބާރާތަކީ ބޮޑު އިނާމަކާއެކު ކުޑަކުދިން ނަށް ސަންފްރޮންޓުން ހުޅުވައިލި ފުރަތަމަ މުބާރާތް ކަމަށާއި ކުރެހުމަށް ޑިމާންޑު އޮތް މިންވަރު މުބާރާތުން އެނގުނު ކަމަށެވެ.