އިލެކްޓްރޯނިކް ވޯޓިން ނޫނީ އީ-ވޯޓިންގެ ނިޒާމެއް މިހާރު ރާއްޖެއަށް ބޭނުން ނުވާ ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ އީސީއިން ވަނީ ރާއްޖެއަށް އީ-ވޯޓިން ތައާރަފްކުރަން މަސައްކަތްކޮށް އެކަމަށް ދިރާސާތަކެއް ވެސް ކޮށްފަ އެވެ.

އެހެން ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ފެށި 18 ވަނަ އިލެކްޓޯރަލް އެފެއާޒު ސިމްޕޯޒިއަމްގެ 18 ވަނަ މަހާސިންތާގެ ތެރެއިން ވާހަކަ ދައްކަވަމުން އީސީގެ ރައީސް ޝަރީފް ވިދާޅުވީ އީވޯޓިންއަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެހާ އެކަށޭނަ ނިޒާމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް ރާއްޖޭގައި ވޯޓު ނަގާ ގޮތާ މެދު އާންމުންގެ ޝަކުވާއެއް ނެތް ކަމަށާއި އެކަން ހިނގަނީ ދެ ފުށްފެންނަ ގޮތަކަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމެއް ނެތް އީ-ވޯޓިން ނިޒާމެއް ތައާރަފްކުރުމަށް. ސަބަބަކީ ރާއްޖެއަކީ އާބާދީކުޑަ ގައުމަކަށްވުން މިހާރުވެސް ރާއްޖޭގައި ބާއްވާ ހުރިހާ އިންތިހާބަކީ ދެފުށް ފެންނަ އިންސާފްވެރި އިންތިހުބުތަކެއް،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ މުހިންމު ކަމަކީ އިންތިހާބީ ނިޒާމަށް މިހާރަށް ވުރެވެސް ބޮޑަށް އާންމުންގެ އިތުބާރު އުފެއްދުން ކަމަށެވެ. ޝަރީފް ވިދާޅުވި ގޮތުގައި ވޯޓާ ރެޖިސްޓްރޭޝަން މަރުހަލާގައި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން އެ ޕްރޮސެސްއަށް މީހުންގެ އިތުބާރު އުފެއްދުން މާ މުހިންމެވެ. އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އިންތިހާބުތަކުގައި ފާހަގަކުރެވޭ ކަންކަން ރައްޔިތުންނާ ސިޔާސީ ޕާޓީތަކުގެ ވިސްނުމާ އެކު މި އަންނަނީ އެޑްރެސް ކުރަމުން،" ޝަރީފް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި އީ-ވޯޓިން ތައާރަފް ކުރަން އީސީއިން އޭރު މަސައްކަތް ކުރުމުން، އޭރުގެ އިދިކޮޅުގައި ޕާޓީ އަދި މިހާރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން ވަނީ އިސީއަށް ފާޑުކިޔައިފަ އެވެ. އެމްޑީޕީއިން އޭރު ބުނީ، އީސީއިން އީ-ވޯޓިން ތައާރަފް ކުރަން އުޅެނީ ވޯޓަށް މަކަރު ހަދަން ކަމަށެވެ.