07 Jul 2019, 14:17
އެންޓިކޮރަޕްޝަން ކޮމިޝަންގެ ހުސްވެފައިވާ ނައިބު ރައީސް ކަމަށް ކޮމިޝަންގެ މެމްބަރު އަމިނަތު މިންނާ ހަމަޖައްސައިފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވީ މިދިޔަ ބުރާސްފަތި ދުވަހު ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު މުއްވިޒު، ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް އިންތިހާބުކުރުމުންނެވެ.
އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު "ސަން" އަށް ވިދާޅުވީ، މިންނާ ކޮމިޝަންގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރީ މިއަދު ބޭއްވި ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމުގައި ކަމަށެވެ.
މިންނާ އެ މަގާމަށް ހަމަޖެއްސެވީ ކޮމިޝަން މެމްބަރުންގެ މެދުގައި ނެގި ވޯޓަކުން ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމިޝަންގެ ރައީސް ކަމަށް މުއައްވިޒް، އައްޔަން ކުރީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ލުތުފީ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ލުތުފީ ކޮމިޝަންގެ ރައީސްކަމުން އިސްތިއުފާ ދެއްވީ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާ ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އޭނާ ވަކި ކުރާނެ ކަަން ޔަގީން ވުމުންނެވެ. އިސްތިއުފާ ދެއްވި އިރު މުސާރަ ނަންގަވައިގެން މިދިޔަ ފެބްރުއަރީ މަސް ފަހުން އޭނާ ވަޒީފާއަށް ނުކުންނަވައެވެ.
ކޮމިޝަންގެ މިހާރު ތިއްބެވި ހަތަރު މެމްބަރުންގެ ދައުރު ހަމަވާނީ އަންނަ ސެޕްޓެމްބަރު ނުވަވަނަ ދުވަހަށެވެ.