ހުޅުމާލޭގައި އިމާރަތްކޮށްފައިވާ ރަށުމާރުކޭޓު ގޮޅިތައް ލިބުނު ފަރާތްތަކާ ގޮޅިތައް ހަވާލުކުރަން ފަށައިފިއެވެ.

އެޗްޑީސީ އިން ބުނީ ރަށުމާރުކޭޓު ގޮޅިތައް ލިބުނު 28 ފަރާތަކާއެކު މިއަދު ސޮއިކޮށްފައިވާ ކަމަށާއި ބާކީ 25 ފަރާތާއެކު މާދަމާ ސޮއިކުރާނެ ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރާތާ 15 ދުވަސް ތެރޭ ހިދުމަތް ދޭން ފަށަންވާނެ ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.

ރަށުމާރުކޭޓުން ގޮޅި ދޫކޮށްފައިވަނީ ހަމައެކަނި ދިވެހިންނަށެވެ.

ހުޅުމާލޭ ހުޅަނގުފަރާތުގައި އިމާރާތް ކޮށްފައިވާ ރަށުމާރުކޭޓަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ހުޅުމާލެއަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ރާއްޖޭގައި ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކާއި، ރޯމަހުގެ ބާވަތްތައް ފަސޭހަ ކަމާއެކު ހެޔޮއަގުގައި އެއްތަނަކުން ލިބޭނެ މަގުފަހިކޮށްދިނުމަށްޓަކައި، ގާއިމް ކުރި މާރުކޭޓެކެވެ.

މާރުކޭޓުގެ ގޮޅިތައް ލިބުނު ފަރާތްތައް އޭޕްރީލް 29 ގައި ހޮވި ނަމަވެސް ގޮޅިތައް ހަވާލުކުރަން ފެށީ މިއަދުއެވެ. އެ މާރުކޭޓުގައި ޖުމްލަ 52 ގޮޅި ހިމެނެއެވެ. ހުރިހާ ގޮޅިއަކުވެސް އަސާސީ ވަސީލަތްތައް ވަނީ ގާއިމް ކޮށްފައެވެ.

އެޗްޑީސީ އިން ގޮޅިތައް ދޫކުރީ އާންމު ފަރާތްތަކަށާއި ވިޔަފާރިތަކަށް ދެ ބަޔަކަށް ބަހާލައިގެންނެވެ. އާންމު ފަރާތްތަކަށް ވަނީ ޖުމްލަ 28 ގޮޅިއެއް ދޫކޮށްފައެވެ. އަދި ވިޔަފާރިތަކަށް ދޫކޮށްފައި ވަނީ ޖުމްލަ 29 ގޮޅިއެވެ.

ރަށު މާރުކޭޓުން ބަހާފައި ވަނީ ދެ ބާވަތެއްގެ ގޮޅިތަކެކެވެ. އެއީ ޑްރައި ސްޓޯލާއި ވެޓް ސްޓޯލްއެވެ. ޑްރައި ސްޓޯލުތަކަކީ ކާބޯތަކެތި ވިއްކުމަށް ހަމަޖައްސާފައިވާ ގޮޅިތަކެވެ. އަދި ވެޓް ސްޓޯލުތަކަކީ ރޯމަސް ވިއްކުމަށް ހަމަޖެހިފައިވާ ގޮޅިތަކެވެ.

އެ މާރުކޭޓު ހެދީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސްއާ ހަވާލުކޮށްގެންނެވެ. ރަށު މާރުކޭޓުގެ ގޮޅީގެ ކުއްޔަކީ މަހަކު 3،500 ރުފިޔާ އެވެ. އެ މަސައްކަތަށް 30 މިލިއަން ރުފިޔާ ހޭދަކުރިއެވެ.