07 Jul 2019, 11:31
ސޯލް (ޖުލައި 7): އުތުރު ކޮރެއާއިން ހިފެހެއްޓި އޮސްޓްރޭލިއާގެ ދަރިވަރު ޖާސޫސު ކުރި ކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.
އުތުރު ކޮރެއާގައި ހުރި އެލެކް ސިގްލޭގެ ގެއްލުނީ މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ. އޭގެ ހަފްތާއެއް ފަހުން، މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ ދޫކޮށްލާފަ އެވެ.
އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކޭސިއެންއޭ އިން ބުނި ގޮތުގައި "ސިގްލޭ ވަނީ އެގައުމުގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރުމަށް ފަހު އެތަންތަނާ ބެހޭ މައުލޫމާތާއި ފޮޓޯ އުތުރު ކޮރެއާއާ ދެކޮޅު ނޫސްތަކާ ހިއްސާކޮށްފަ" އެވެ. އޭގެ ތެރޭގައި އުތުރު ކޮރެއާގެ ހަބަރުތައް ގެނެސްދޭ އެންކޭ ނޫސް ވެސް ހިމެނެ އެވެ.
އަދި ސިގްލޭ ޑީޕޯޓުކުރަން ނިންމީ އޭނާ ޖާސޫސު ކުރި ކަމަށް އެއްބަސްވެ، މާފަށް އެދުމުން ކަމަށް ބުނެފަ އެވެ.
ނަމަވެސް އެންކޭ ނޫހުން ވަނީ ސިގްލޭ އެނޫހަށް ޖާސޫސު ނުކުރާ ކަމަށް ބުނެފަ އެވެ. އަދި އޭނާ އެންކޭ ނޫހަށް ކޮށްދިން ހަމައެކަނި މަސައްކަތަކީ މި އަހަރުގެ ޖެނުއަރީ އާއި އޭޕްރިލްއާ ދެމެދު ހަ ކޮލަމެއް ލިޔުން ކަމަށާއި އެކޮލަމް ޕަބްލިޝް ކުރީ އޭނާގެ ނަމުގައި ކަމަށް ވެސް ބުނެފަ އެވެ. އަދި އެއީ "އުތުރު ކޮރެއާ ދެކޮޅު ލިޔުމެއް" ކަމަށް ބުނާ ބުނުމާ އެނޫހުން ދެކޮޅު ކަމަށް ބުނެފަ އެވެ.
ސިގްލޭގެ އާއިލާއިން ބުނި ގޮތުގައި އުތުރު ކޮރެއާގެ ކިމް އިލް ސަންގް ޔުނިވާސިޓީގައި ކޮރެއަން ލިޓަރޭޗާއިން މާސްޓާސް ޑިގްރީއެއް ހާސިލު ކުރުމަށް އޭނާ އެގައުމަށް ދިޔައީ މިދިޔަ އަހަރެވެ. އަދި އޭނާ މިހާރު ހުރީ ޖަޕާނުގައި ދިރިއުޅޭ އޭނާގެ އަންހެނުން ކައިރީގަ އެވެ.