ހިފާފައިވާ ޤުދްސު (އޮކްޓޯބަރ 29) : ޢަރަބި ބައެއް ޤައުމުތަކަށް އަންނަމުންދާ ރައްޔިތުންގެ އިންޤިލާބު ތަކާގުޅިގެން އެޤައުމުތަކުގެ އިސްލާމީ ޚިޔާލުގެ ޕާޓީތަކަށާއި އިސްލާމީ ލީޑަރުންނަށް ވެރިކަމަށް އައުމުގެ ފުރްސަތު ތަނަވަސްވަމުންދާތީ އެކަމާމެދު އިސްރާއީލުގެ ދިފާޢީ ވަޒީރު އިންޒާރުކުރައްވައިފިއެވެ.

އިސްރާއީލުގެ ދިފާޢީ ވަޒީރު އިހޫދް ބަރާކް ވިދާޅުވީ ޢަރަބި ޤައުމުތަކަށް އަންނަމުންދާ ރައްޔިތުންގެ އިންޤިލާބުތަކާއެކު ހުޅަނގަށް ތާއީދުކުރާ ޢަރަބި ޑިކްޓޭޓަރުންގެ ވެރިކަން ވެއްޓިގެންދާއިރު ހުޅަނގަށް ބޯނުލަނބާ އިސްލާމީ ޚިޔާލުގެ ޕާޓީތަކާއި އިސްލާމީ ލީޑަރުން އެޤައުމުތަކުގެ ވެރިކަމަށް އައުމުގެ ފުރްސަތު ބޮޑުވެގެންދިޔުމަކީ އިސްރާއީލަށްއޮތް ބޮޑުބިރެއް ކަމުގައެވެ.

އިސްރާއީލުގެ ޢަސްކަރީ އޮފްސަރުންގެ ދަސްވެނިވުމުގެ ޙަފްލާއެއްގައި އިއްޔެ ވާހަކަ ދައްކަވަމުން ބަރާކް ވިދާޅުވީ ޢަރަބި ޤައުމުތަކަށް އަންނަމުންދާ ރައްޔިތުންގެ އިންޤިލާބު ތަކަށްފަހު ބާއްވާ ދިމުޤްރާތީ އިންތިޚާބުތަކުގައި އިސްލާމީ ޚިޔާލުގެ ޕާޓީތަކަށް ފުރްސަތު ބޮޑުވެގެންދާ މަންޒަރު ކަންބޮޑުވުމާއެކު ބަލަންޖެހިފައިވާ ކަމުގައެވެ. މިއީ، އިސްރާއީލުގެ މުސްތަޤްބަލް ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމެއް ކަމަށާ ނަމަވެސް އިސްލާމީ ޚިޔާލުގެ ޕާޓީތަކަށް ހުރަސްއެޅުމަށް އިސްރާއީލަށް ކުރެވޭނެ ކަމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅަނގަށް ތާއީދުކުރައްވާ ތޫނިސްގެ ކުރީގެ ޑިކްޓޭޓަރ ޒައިނުލްޢާބިދީން ބިންޢަލީގެ ވެރިކަން ރައްޔިތުންގެ އުތުރިއެރުމަކުން ވައްޓާލުމަށްފަހު އެޤައުމުގައި ބޭއްވި މިނިވަންއިންތިޚާބުގައި ބޮޑުތަފާތަކުން ކުރިހޯދާފައިވަނީ ބިންޢަލީގެ ދުވަސްވަރު މަނާކޮށްފައިވާ އިސްލާމީ ނަހްޒާ ޕާޓީއެވެ. ތޫނިސްގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރަކަށްވެވަޑައިގަންނަވާނީ އިސްލާމީ ނަހްޒާ ޕާޓީގެ ޝަޚްސިއްޔަތެއްކަން މިހާރުވަނީ ކަށަވަރުވެފައެވެ. މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން އިންތިޚާބުވެސް އެޤައުމުގެ "އިޚްވާންއަލްމުސްލިމީން" އާއި ސަލަފީ ޚިޔާލުގެ ޕާޓީތައް ޢިލްމާނީ ޕާޓީތަކުގެ މައްޗަށް ކުރިހޯދާނެކަމަށް ޚިޔާލުހޯދުމުގެ ސަރވޭތަކުންދަނީ ހާމަވަމުންނެވެ.

ޢަރަބި ޤައުމުތަކަށް ޑިމޮކްރަސީ އައުމަކީ އެމެރިކާގެ ނުފޫޒު އެޤައުމުތަކުން ކެނޑި ރައްޔިތުން ބާރުވެރިވާނެ ކަމެއްކަމުން އިސްރާއީލުވަނީ ވަރަށް ކުރިންވެސް މިކަމާމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ. ޢަރަބި ޑިކްޓޭޓަރުންގެ މައްޗަށް ބާރުހިންގިނަމަވެސް ރައްޔިތުންގެ މައްޗަށް ބާރާއި ނުފޫޒުހިންގަން އެމެރިކާފަދަ ހުޅަނގުގެ ބާރުތަކަށް އުނދަގޫވާނެތީ ޢަރަބި ދިމުޤްރާތީ ޖައްވުގައި އިސްރާއީލު އިތުރަށް އެކަހެރިވެ ނިކަމެތިވެގެންދާނެ ކަމަށް ހުޅަނގުގެ މުޙައްލިލުންވެސް ވިދާޅުވެއެވެ.

ބަރާކް ވިދާޅުވީ ޢަރަބި އެތަށް ޤައުމެއްގެ ވެރިކަމަށް އިސްލާމީ ޚިޔާލުގެ ޕާޓީތައް އަންނާނެ ކަމަށްބެލެވޭތީ އިސްރާއީލު އޮންނަންޖެހޭނީ އެކަމަށް ޢަސްކަރީގޮތުން ތައްޔާރުވެގެން ކަމަށާއި މުސްތަޤްބަލްގައި އިސްރާއީލަށްއޮތް ހަމައެކަނި ރައްކާތެރިކަމަކީ ބާރުގަދަ ހަތިޔާރާއި ސިފައިންގެ ފައުޖުތައްކަމުގައެވެ.

ފަލަސްތީނުގެ ބިންތަކުގެ އިތުރުން ޢަރަބި އެހެންބިންތައް ގަދަބާރުން ހިފައިގެންއޮންނަ އިސްރާއީލަކީ ޢަރަބި ރައްޔިތުން ބާރުވެރިވެ ޢަރަބިޤައުމުތައް ޢިލްމީގޮތުން ކުރިއަރައިގެން ހިނގައްޖެނަމަ މުސްތަޤްބަލެއްނެތް ވަގުތީ ދައުލަތަކަށް ވެގެންހިގައިދާނެކަމަށް ޔަހޫދީ ބައެއް މުޙައްލިލުންވެސް އިންޒާރު ކުރައްވާފައިވެއެވެ. (ނޫސްއެޖެންސީތައް)