29 Oct 2011, 09:52
އަންނަ މަހު ރާއްޖޭގައި އޮންނަ ސާކް ސަމިޓްގައި ކޮކަޑި އަޅަން އުޅޭ ކަމަށާއި ރާއްޖޭގައި ބަޔަކު ބޮން ގޮއްވަން ރާވާފައިވާ ކަމަށް ތުހުމަތުކޮށް އެމްޑީޕީން ވާހަކަ ދައްކައިފި އެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ރިކޯ މޫސާ މަނިކު ވިދާޅުވީ ސާކް ސަމިޓާ ދިމާކޮށް ކޮކަޑި އަޅަން ރާވާފައިވާ ކަމަށާއި އަދި ރާއްޖޭގައި ބޮން ގޮއްވަން ވެސް ރާވާފައިވާ ކަން އޭނާ އަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަން ކުރަން އުޅުނު މީހުންނަށް އޭނާ އަށް އެކަން އެނގޭ ކަން އެނގޭނެ ކަމަށެވެ.
ނަމަވެސް ކޮކަޑި އަޅަނީ ކޮން ބަޔަކު ކޯއްޗަކަށް ކަމެއް އަދި ބޮން ގޮއްވަން އުޅެނީ ސީދާ ސާކް ސަމިޓާ ދިމާކޮށް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ރީކޯ ވިދާޅުވީ އެމެރިކާގެ ސީއައިއޭ އަށް ވުރެ ރާއްޖޭގެ ސީއައިއޭ މާރަނގަޅުވާނެ ކަމަށާއި ބޮން ގޮއްވަން އުޅޭ ކަން އެނގުނީ އެހެންވެ ކަމަށާއި އޭނާ އެހެން ވިދާޅުވުމުން ނޫސްތަކުން ސުވާލު ކުރާނެ ކަމަށާއި އެހެން ނަމަވެސް ޖަވާބު ވެސް ނުދެއްވާނެ ކަމަށެވެ.
"އެމެރިކާގެ ސީއައިއޭ އަށް ވުރެ މިތަނުގައި އޮންނަ ސީއައިއޭ މާރަނގަޅުވާނެ. އެހެން ވީމާ ނޫންތޯ، ކޮކަޑި ދުން އަޅަން އުޅުކަން ވެސް އެނގިއްޖެ. ބޮން ގޮއްވަން އުޅުނު ކަން ވެސް އެނގިއްޖެ." މޫސަ ވިދާޅުވި އެވެ.
ނަމަވެސް އެމްއެންޑީއެފުން އަދި އެކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނެ އެވެ.
މޫސަގެ ރޭގެ ވާހަކަފުޅުގައި ޝަރުއީ ދާއިރާ އާއި އަދާލަތު ޕާޓީ އަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.