ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިލިޔަ ނުދީ، އަނބުރާ ގެންނާނެ ކަމަށް ރައްޔިތުންނަށް ވީ ވައުދު ފުއްދައިފި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު 26 ވަނަ ދުވަހު ބޭސްފަރުވާ އަށް އިންޑިއާއަށް ވަޑައިގަތުމަށްފަހު، މިއަދު މެންދުރު ފަހު އަދީބު ވަނީ އެނބުރި ރާއްޖެ ވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނުތަކުގެ މަފްހޫމާއި އިންސާނިއްޔަތުކަމަށް ރިއާޔަތްކޮށް އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ފަހު، އަނބުރާ ގެނެސް އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމްގެ ބަކީ ބައި ތަންފީޒު ކުރާނެ ކަމަށް ރައްޔިތުންނަށް ޔަގީންކަންދެއްވި ކަމަށެވެ.

"އަޅުގަނޑުމެން ވީ ވައުދު އަޅުގަނޑުމެން ފުއްދައިފިން،" އިމްރާން ވިދާޅުވި އެވެ.

އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ކުރި ދަތުރުގެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ހިންގުނީ ފުލުހުންނާއި ކަރެކްޝަންސް ވަރަށް ބޮޑު ދައުރެއް އޮވެގެން ކަމަށް އިމްރާން ވިދާޅުވި އެވެ. އެކަމަށްޓަކައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އަދި ހޯމްމިނިސްޓްރީގެ ޓީމަށް އިމްރާން ޝުކުރު އަދާ ކުރެއްވި އެވެ.

އަދީބު ފިލައިފާނޭތީ އެކަމާ ކަންބޮޑުވުންފާޅުކޮށް، އަދީބު ފުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް އިމްރާން ހާޒިރުކުރި އެވެ. އެ ކޮމިޓީގައި އިމްރާން ވަނީ އަދީބް ބޭސްފަރުވާ ނިމި، ހުކުމުގެ ބަކީ ބައި ތަންފީޒު ކުރުމަށް އެނބުރު ރާއްޖެ ގެންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އޭގެތެރެއިން މިހާރު ބާކީ އޮތީ، އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން އައި 15 ދުވަހުގެ ޖަލު ހުކުމް އެކަންޏެވެ.

އަދީބުގެ ހުކުމުގެ ބާކީ އޮތީ ކިހާ އަދަދެއް ކަމެއް އަދި ވަނީ ސާފުވާ ގޮތެއް ނުވެފައެވެ.

އަދީބު މިއަދު ބޭސްފަރުވާއަށްފަހު، ރާއްޖެ ވަޑައިގެންނެވިއިރު، އޭނާ އަނެއްކާ ވެސް ހަ މަސް ފަހުން ޑޮކްޓަރަށް ދައްކަން އިންޑިއާއަށް ދާން ޑޮކްޓަރު ލަފާދީފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައިވެ އެވެ. އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވީ ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ހިމެނޭ ގޮތުން ހަތް ބޭފުޅުންގެ ޓީމަކާ އެކު އެވެ.