06 Jul 2019, 22:17
ވިއެނާ (ޖުލައި 6) : އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގެ ދަށުން ހުއްދަ ދީފައިވާ މިންވަރަށްވުރެ ޔޫރޭނިޔަމްގެ ސްޓޮކް އީރާނުން މަތިކުރި މައްސަލާގައި އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއިއޭ) ގެ ގަވަނިންގް ބޯޑުގެ ކުއްލި ބައްދަލުވުމެއް ބާއްވައި ދިނުމަށް އެމެރިކާ ހުށަހެޅި ހުށަހެޅުމަށް އީރާނުން ފާޑުކިޔައިފި އެވެ.
އައިއޭއިއޭ ގެ މަރުކަޒު ހުންނަ ވިއެނާގައިވާ އީރާނުގެ މިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއަކީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެކަހެރި ގޮތެއްގައި ވަކިވުމަށްފަހު އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ނިއުކްލިޔާ އެއްބަސްވުން ރޫޅާލަން މަސައްކަތްކުރާ ހަރުކަށި ގައުމަކަށްވާތީ އީރާނުން އެ އެއްބަސްވުމާ ޚިލާފުވި ކަމަށްބުނެ ވާހަކަދެއްކުމުގެ ހައްގު އެމެރިކާއަށް ނޯންނާނެކަމުގަ އެވެ.
އައިއޭއިއޭ ގެ ތަރްޖަމާން ވިދާޅުވީ ނިއުކްލިޔާ އެއްބަސްވުމުގައި އީރާނަށް ހުއްދަ ދީފައިވާ މިންވަރަށްވުރެ ޔޫރޭނިޔަމް ސްޓޮކް އިތުރުކުރި މައްސަލައާބެހޭގޮތުން މަޝްވަރާ ކުރުމަށް އެއެޖެންސީގެ ގަވަރުނަރުންގެ ބޯޑުގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެމެރިކާ އެދިފައިވާތީ އަންނަ ބުދަ ދުވަހު އެ ބައްދަލުވުން ބާއްވާނެ ކަމުގަ އެވެ. އީރާނުންވަނީ ނިއުކްލިޔާ އެއްބަސްވުމުގެ ދަށުން ފައްކާކުރި ޔޫރޭނިޔަމް ރައްކާކޮށްފައި ބެހެއްޓުމަށް އެގައުމަށް ދީފައިވާ ސީލިންގް އަށްވުރެ އޭގެ ސްޓޮކް މަތިކުރިކަން މިދިޔަ ހަފްތާގައި އިއްލާންކޮށްފަ އެވެ.
މީގެއިތުރުން އީރާނުންވަނީ ޔޫރޭނިޔަމް ފައްކާކުރާ ނިސްބަތްވެސް ނިއުކްލިޔާ އެއްބަސްވުމުގެ ދަށުން ހުއްދަ ލިބޭ މިންވަރަށްވުރެ އިތުރުކުރިކަމާއި އަދި ނިއުކްލިޔާ އެއްބަސްވުމާ ހިލާފަށް އެގައުމުގެ "އަރާކް" ނިއުކްލިޔާ ރިއެކްޓަރުގެ ގެ މަސައްކަތް ފަށާނެކަމުގެ އިންޒާރުވެސް ދީފަ އެވެ. އީރާނުންވަނީ ނިއުކްލިޔާ އެއްބަސްވުމަށް އެގައުމުން އެކަނި އިޙްތިރާމް ނުކުރާނެކަމާއި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ އިގްތިސާދު ހިމާޔަތްކޮށް ނިއުކްލިޔާ އެއްބަސްވުމުން ލިބެންޖެހޭ ހައްގުތައް އީރާނަށް ހޯދައި ދިނުމުގައި ދުނިޔޭގެ ބޮޑެތި ބާރުތައް ނާކާމިޔާބުވެފައިވާތީ ނިއުކްލިޔާ އެއްބަސްވުމުގެ ބައެއް ބައިތަކަށް އަމަލު ނުކުރުމަށް މީގެ ދެހަފްތާކުރިން ނިންމާފަ އެވެ.
މިއާއެކު އީރާނުންވަނީ ޔޫރޭނިއަމް ފައްކާކުރުމުގެ މަސައްކަތްވެސް އަލުން ފަށާފައެވެ. އަދި އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ނިއުކްލިޔާ މައްސަލާގައި އީރާނުގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި އީރާނަށް ފެންނަ ގޮތަކަށް އަމަލުކުރާނެ ކަމާއި މިކަމުގައި ބޭރު ގައުމުތަކުގެ ބިރުދެއްކުންތަކަށް އީރާން ދޭނީ ބީރު ކަންފަތެއް ކަމުގެ އިންޒާރު އެފަރާތްތަކަށް ދެއްވާފަ އެވެ. (ނޫސް އެޖެންސީތައް)