ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އާންމު މީހަކަށް އަނިޔާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައިފިއެވެ.

ރޭ ޑްރަގް އެންފޯސްމަންޓް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާފަންނު ގެއެއް ބަލައި ފާސް ކުރުމުގެ ތެރޭގައި ކުލަ ހެދުމުގައި ތިބި ހަތަރު ފުލުހުން މީހަކަށް އަނިޔާކުރި މަންޒަރު ފެންނަ ވީޑިއޯއެއް ޝޯޝަލް މީޑިއާގައި ދައުރުވިއެވެ.

އެމައްސަލައިގައި ހިމެނޭ ފުލުހުން ވަގުތުން ސަސްޕެންޑް ކުރަން ނިންމައި، އެ މައްސަލަ ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ރޭ ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ފުލުހުން އަނިޔާކުރާ ތަން ފެންނަ ވީޑިއޯއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ބައްދަލުވުމެއް ބާއްވަން ނިންމަވާފައެވެ.

މަޖިލިސް އިދާރާއިން މީޑިއާތަކަށް ފޮނުވި އެ ކޮމިޓީގެ އެޖެންޑާގައިވާ ގޮތުން މާދަމާ އޮތީ ކޮމިޓީގެ މެމްބަރުންގެ މެދުގައި އެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމެެވެ. ބައްދަލުވުން ތާވަލް ކޮށްފައިވަނީ މާދަމާ ހަވީރު 5:00 އަށެވެ.

ކޮމިޓީގެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި ކުލަ ހެދުމުގައި ތިބި ހަތަރު ފުލުހުން ވެގެން އަތުންނާ ކޮޅުފައިން ތަޅައި މީހަކަށް އަނިޔާ ކުރާތަން ފެނެ އެވެ. އަދި އަނިޔާވާ ގޮތަށް ބިންމައްޗަށް ވައްޓައި އެމީހާ ގައިގެ އެކި ތަންތަނުގައި ތަޅަ އެވެ.

މިކަމާ ގުޅިގެން ސީޕީ ހަމީދު ވަނީ ރޭ އޮޕަރޭޝަން ހިންގި ފުލުހުންނާ މިއަދު ބައްދަލުވެސް ކުރައްވާފައެވެ.

ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނީ އެ މައްސަލައާ ގުޅުގެން ކުރާ ހުރިހާ ތަހުގީގުތަކަށް އޭނައާއި ފުލުހުންގެ މުޅި އެގްޒެކެޓިވް ޓީމުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އެފަދަ ލާއިންސާނީ އަމަލުތައް ތަހައްމަލް ނުކުރެވޭނެ ކަމަށް ހަމީދު ވިދާޅުވިއެވެ.