އިސްލާމްއާބާދު (އޮކްޓޯބަރ 29) : ޕާކިސްތާނުގެ ކުރީގެ ރައީސް އަދި އިންޤިލާބީ ލީޑަރު ޖެނެރަލް ޕަރުވޭޒް މުޝައްރަފް ހައްޔަރުކުރުމުގެ އަމުރެއް ޕާކިސްތާނުގެ ކޯޓަކުން ނެރެފި އެވެ.

ޕާކިސްތާނުގެ ކުވީތާގެ ކޯޓަކުން މުޝައްރަފް ހައްޔަރުކުރުމުގެ އަމުރު ނެރުނީ އޭނާގެ ވެރިކަމުގައި ޕާކިސްތާނުގެ ބަލޫޗް ސަރަޙައްދުގެ ބާޣީ ލީޑަރެއްކަމަށްވާ ނަވާބު އަކްބަރު ބޫގީތީ އަވަހާރަކޮށްލާފައިވާ މައްސަލައިގެ ތަޙްޤީޤަށެވެ.
މިމައްސަލާގައި މުޝައްރަފްގެ ދުވަސްވަރުގެ ބޮޑުވަޒީރު ޝަވްކަތު ޢަޒީޒް ހައްޔަރުކުރުމުގެ އަމުރުވެސް ކުވީތާގެ ދަށުކޯޓުން ނެރެފައިވެއެވެ.

ބަލޫޗް ސަރަޙައްދުގެ ބާޣީ ލީޑަރެއްކަމަށްވާ ނަވާބު އަކްބަރު ބޫގީތީ އަވަހާރަވެފައި ވަނީ 2006 ވަނައަހަރު އެސަރަޙައްދުގެ ބާޣީންނާ ދެކޮޅަށް ޕާކިސްތާނު ސިފައިން ދިން ވައިގެ ޙަމަލާތަކެއްގަ އެވެ. މިޙަމަލާތައް ދިނުމަށް މުޝައްރަފް އަމުރުކުރެއްވީ ބާޣީ ލީޑަރު ނަވާބު އަކްބަރު ބޫގީތީ އަވަހާރަކޮށްލުމުގެ ރޭވުން ދުރާލައި ރާވައިގެންކަމަށް ޕާކިސްތާނުގެ މިހާރުގެ އިދިކޮޅު ލީޑަރު ނަވާޒް ޝަރީފްގެ ޕާޓީން ތުހުމަތުކުރެ އެވެ. ނަމަވެސް ޝަވްކަތު ޢަޒީޒް ވިދާޅުވި ގޮތުގައި ބޫގީތީ އަވަހާރަވެފައި ވަނީ އޭނާ އަވަހާރަކޮށްލުމުގެ ރޭވުމެއްނެތި ހަތިޔާރުއެޅި ބާޣީންނާދެކޮޅަށް ދިން ޙަމަލާތަކެއްގައި ކަމުގަ އެވެ.

ޢަސްކަރީ އިންޤިލާބަކުން ނަވާޒް ޝަރީފްގެ ވެރިކަން ވައްޓާލެއްވީ މުޝައްރަފް ކަމުން އެދެބޭފުޅުންނަކީ ވަރަށް ދުޝްމަން ދެބޭފުޅުންނެވެ. ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާ ބޭނަޒީރު ބުއްޓޫ 2007 ވަނަ އަހަރު އަވަހާރަކޮށްލި މައްސަލާގައި ވެސް މުޝައްރަފްގެ އަތެއްވާ ކަމަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން މުޝަައްރަފް ހައްޔަރު ކުރުމުގެ އަމުރެއް ޕާކިސްތާނުގެ ކޯޓަކުން މިއަހަރު ނެރެފައިވެ އެވެ. (އޭ.އެފް.ޕީ)