06 Jul 2019, 18:24
ފުލުހުންގެ ފޮޓޯ އާންމުކޮށް އިންޒާރު ނުދިނުމަށް ފުލުހުންގެ މުއައްސަސާއިން އިލްތިމާސްކޮށްފިއެވެ.
ރޭ މާފަންނު ގެއެއްގެ ތެރޭ ހަތަރު ފުލުހުންތަކެއް މީހަކަށް އަނިޔާ ކުރާ ވީޑިއޯއެއް އާންމުވިއެވެ. އަދި މިއަދު އަނިޔާ ކުރި ފުލުހުންތަކެއްގެ ފޮޓޯ ޝޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އަނިޔާ ފުލުހުން މީހަކަށް އަނިޔާކުރި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑް (ޕީއެސްސީ) އާއި މިނިވަން މުއައްސަސާތަކުން ތަހުގީގު ކުރަމުން ދަނިކޮށް، އެ އަމަލުތައް ހިންގީ މިވެނި ބައެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ފުލުހުންތަކެއްގެ ފޮޓޯތަކެއް އާންމު ކުރަމުންދާ ކަމަށެވެ.
"[ފޮޓޯ އާންމުކޮށް] ބިރުދައްކައި ހަދަމުންދާކަން ވަނީ ފާހަގަ ކުރެވިފައި. ވީމާ ތަހުގީގު ކުރިއަށްދާ އިރު، ސައްހަ ނޫން މައުލޫމަތު މިފަދަ ގޮތްގޮތަށް ދައުރު ނުކުރެއްވުމަށް މި ސާވިސް އިން އިލްތިމާސް ކުރަން،" ފުލުހުން ކުރި ޓްވީޓެއްގައި ބުންނެވެ.
ފުލުހުން އަނިޔާ ކުރާ ވީޑިއޯ ދައުރުވާ ފެށީތާ މާގިނަ އިރުތަކެއް ނުވެ، ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ އެ ފުލުހުންތައް ވަގުތުން ސަސްޕެންޑްކޮށް އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން މިއަދު ހަމީދު ވަނީ ރޭ އޮޕަރޭޝަން ހިންގި ފުލުހުންނާ ބައްދަލުވެސް ކުރައްވާފައެވެ.
ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނީ އެ މައްސަލައާ ގުޅުގެން ކުރާ ހުރިހާ ތަހުގީގުތަކަށް އޭނައާއި ފުލުހުންގެ މުޅި އެގްޒެކެޓިވް ޓީމުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އެފަދަ ލާއިންސާނީ އަމަލުތައް ތަހައްމަލް ނުކުރެވޭނެ ކަމަށް ހަމީދު ވިދާޅުވިއެވެ.