06 Jul 2019, 15:36
ޚުރްތޫމް (ޖުލައި 6) : ސޫދާނަށް ޑިމޮކްރަސީ ގެނައުމަށް ބޭނުންވާ އިންތިގާލީ މަރްހަލާގައި ވެރިކަމުގެ ނިޒާމު އޮންނާނެ ގޮތަކާމެދު އެގައުމުގެ އިދިކޮޅު ކޯލިޝަން އާއި އަސްކަރީ މަޖިލީހުން އެއްބަސްވި އެއްބަސްވުމަށް ބައިނަލްއަގްވާމީ މުޖްތަމައުން މަރްހަބާ ކިޔައިފި އެވެ.
މި އެއްބަސްވުމާ ބެހޭގޮތުން ނެރުނު ބަޔާނެއްގައި އެފްރިކާގެ އިއްތިޙާދުން ބުނީ އެއީ ބޮޑު ހަމަނުޖެހުންތަކަކުން ސޫދާން ސަލާމަތްކޮށްދިން އެއްބަސްވުމެއްކަމަށާ އެކަމާމެދު އުފާކުރާ ކަމުގައެވެ. ސޫދާނުގެ އަސްކަރީ މަޖިލީހަށް ވާގިވެރިވާ އަދި ޑިމޮކްރަސީއާ ދުޝްމަން ގައުމެއްގެ ގޮތުގައި ސިފަކުރެވޭ ގަލްފުގެ ގައުމެއްކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ން ބުނީ ސޫދާންގެ އިދިކޮޅު ކޯލިޝަން އާއި އެގައުމުގެ އަސްކަރީ މަޖިލީހުން އެއްބަސްވި އެއްބަސްވުމަށް މަރްހަބާ ކިޔާކަމުގައެވެ. އެމިރޭޓްސް ގެ ޚާރިޖީ ކަންތައްތަކާބެހޭ ދައުލަތުގެ ވަޒީރު އަންވަރު ގަރްގާޝް ވިދާޅުވީ އެއެއްބަސްވުމުގެ ސަބަބުން ސޫދާނަށް ހަމަޖެހުން އަންނާނެކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.
އދ. އާއި އަރަބި ލީގުން ވެސް ވަނީ ސޫދާނަށް ޑިމޮކްރަސީ ގެނައުމާބެޙޭގޮތުން އަސްކަރީ މަޖިލިހާއި އިދިކޮޅު ކޯލިޝަނާ ދެމެދު އެއްބަސްވި އެއްބަސްވުމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.
ސޫދާނަށް ޑިމޮކްރަސީ ގެނައުމަށް ބޭނުންވާ އިންތިގާލީ މަރްހަލާއާބެހޭގޮތުން އެގައުމުގެ އަސްކަރީ މަޖިލިހުގެ މެންބަރުންނާއި އިދިކޮޅު ކޯލިޝަންގެ ލީޑަރުން ސީދާ ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ސޫދާންގެ އަވަށްޓެރި އިތިއޮޕިއާއިން އަދާކުރި މެދުވެރިއެއްގެ ދައުރުގެ ސަބަބުންނެވެ. މިދައުރު އަދާކުރެއްވީ އެންމެ ފުރަތަމަ އިތިއޮޕިއާގެ ބޮޑުވަޒީރު އަބީ އަހްމަދު މިދިޔަ ޖޫންކަމުގެ ފަހުކޮޅު ސޫދާނުގެ ވެރިރަށް ޚުރްތޫމަށް ވަޑައިގެންނެވެ.
އެއަށްފަހު އަބީ އަހްމަދުގެ ބެއްލެވުމުގެ ދަށުން މެދުވެރިއެއްގެ ދައުރު އަދާކުރެއްވީ އަބީ އަހްމަދުގެ ޚާއްސަ މަންދޫބެއްގެ ގޮތުން އިތިއޮޕިއާގެ މަސްއޫލުވެރިއެއްކަމަށްވާ މަޙްމޫދު ދުރޭރެވެ. ދުރޭރުވަނީ ސީދާގޮތެއްގައި ވާހަކަ ދެއްކުމުގެ މުހިއްމުކަން ސޫދާނުގައި ވެރިކަންކުރާ އަސްކަރީ މަޖިލިހަށާއި އިދިކޮޅު ކޯލިޝަނުގެ އިސްވެރިންނަށް ވިސްނައި ދެއްވުމުގައި ކާމިޔާބު ހޯއްދަވާފައެވެ. ސޫދާނުގެ އަސްކަރީ މަޖިލިހާ ސީދާ ގޮތެއްގައި ވާހަކަ ދައްކަވަން އެގައުމުގެ އިދިކޮޅު ކޯލިޝަނުގެ ލީޑަރުން ކުރިން ދެކޮޅު ހެއްދެވީ ސޫދާނަށް ޑިމޮކްރަސީ ގެނައުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ބާއްވަމުން ގެންދިޔަ އެއްވުންތައް އަސްކަރީ މަޖިލީހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައި 100 އަށްވުރެ ގިނަ މީހުން މަރާލި ޖަރީމާއަށްފަހުއެވެ.
ނަމަވެސް މިދިޔަ ހުކުރުދުވަހު ސޫދާންގެ ވެރިކަންކުރާ އަސްކަރީ މަޖިލިހުގެ މެންބަރުންނާއި އިދިކޮޅު ކޯލިޝަނުގެ ލީޑަރުންވަނީ ދެބަސްވުންތައް އެއްފަރާތްކޮށް ދެފަރާތުން ސީދާގޮތެއްގައި ބައްދަލުކުރައްވައި ސޫދާނަށް ޑިމޮކްރަސީ ގެނައުމަށް ބޭނުންވާ އިންތިގާލީ މަރްހަލާގައި ކަންކަން ގެންދާނެގޮތާމެދު އެއްބަސްވުމަކަށް އައިސްފައެވެ.
މި އެއްބަސްވުމުގައި އެދެފަރާތުންވަނީ ސޫދާނަށް ޑިމޮކްރަސީ ގެނައުމުގެ އިންތިގާލީ މަރްހަލާއަކީ ތިންއަހަރު ކަމަށް ނިންމައި އެމަރްހަލާގައި ގައުމު ގެ ކަންކަން ބެލެހެއްޓުމަށް ސިފައިންނާއި ޓެކްނޮކްރޭޓުން ގެ މައްޗަށް އެކުލެވޭ އިންތިގާލީ ސަރުކާރަކާއި ސިޔާދަތަބެހޭ މަޖިލީހެއް އެކުލަވާލުމަށް އެއްބަސްވެފައެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހެއް އެކުލަވާލުމުގެ ކަންތައްވަނީ ފަހުން ނިންމުމަށް ފަސްކޮށްފައެވެ.
ސޫދާން ޑިމޮކްރަސީ އަކަށް ބަދަލުކުރުމަށް ބޭނުންވާ ގާނޫނުތަކާއި ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތަކާއި އެކުލަވާލަންޖެހޭ މުއައްސަސާތަކާއި އެނޫންވެސްކަންކަން މިމުއްދަތުގައި ނިންމައި އިންތިޚާބެއް ބާއްވައިގެން ވެރިކަންކުރާނެ ފަރާތެއް ހޮވުމަށް އަސްކަރީ މަޖިލިހުގެ މެންބަރުންނާއި އިދިކޮޅު ކޯލިޝަނުގެ ލީޑަރުންވަނީ އެއްބަސްވެ ވަޑައިގެންފައެވެ. (ނޫސްއެޖެންސީތައް)