06 Jul 2019, 11:55
ހުޅުމާލޭ ސެންޓަރަލް ޕާކު ދެކުނުފަރާތުގައި ހަދަމުން ދިޔަ އިމާރާތެއްގެ ލިފްޓެއްގެ ކޭބަލް ކަނޑައިގެން ވެއްޓި ލިފްޓުގައި ހުރި ބިދޭސީ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ޖާ އިންވެސްޓްމެންޓްއިން ހުޅުމާލޭ ސެންޓްރަލް ޕާކު ދެކުނު ފަރާތުގައި ހަދަމުން ދާ އިމާރާތެއްގައި ބޭނުން ކުރަމުން ދިޔަ ލިފްޓެއްގެ ކޭބަލް ކަނޑައިގެން ގޮސް ވެއްޓިފައިވާ ކަމަށެވެ. ލިފްޓް ވެއްޓުނީ ހަތްވަނަ ފަންގިފިލާއާ ހިސާބުން ކަމަށާއި އެވަގުތު ލިސްޓުގައި ހުރި ބިދޭސީ ފިރިހެން މީހާޔަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބިދޭސީ މީހާއަށް ފަރުވާ ދިނުމަށް މިއަދު ހެނދުނު 9:15 ހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ފުލުހުން ބުންޏެވެ. ހުޅުމާލެ ހޮސްޕިޓަލުން ބުނީ އިތުރު ފަރުވާޔަށް ޕޭޝަންޓް އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ލިފްޓެއް ކެނޑިގެން ވެއްޓި އަނިޔާ ލިބުނު ބިދޭސީއަކަށް އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުގައި ފަރުވާދިން ކަމަށެވެ.
ފުލުހުން ބުނީ އެމައްސަލަ ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ފުލުހުން ބަލަމުންދާ ކަމަށެވެ.