06 Jul 2019, 10:23
ހަފްތާ ބަންދަށް ހާއްސަ މާރުކޭޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އެކު ޔޫތް މިނިސްޓްރީން އިންތިޒާމް ކޮށްގެން ބާއްވާ "ހަފްތާ ރެސް" އިވެންޓް ބާއްވާ ސަރަހައްދު ބަދަލު ކުރުމާ މެދު މަޝްވަރާ ކުރަން ފަށައިފި އެވެ.
މާލޭ ސިޓީގެ ޑެޕިއުޓީމޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ، ހަފްތާ ރެސް އަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް މުހިންމު އިވެންޓެއް ނަމަވެސް، އެ އިވެންޓް ބާއްވަނީ އެންމެ އެކަށީގެންވާތަނުގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ހަފްތާ ރެސް ބާއްވަނީ، ރަސްފަންނު ސަރަހައްދުގަ އެވެ.
ޝަމާއު ވިދާޅުވީ، ހަފްތާ ރެސް ބާއްވާ ސަރަހައްދު ބަދަލު ކުރަން ޖެހޭ މައިގަނޑު ސަބަބަކީ، އެ ސަރަހައްދުގައި އިވެންޓް ބާއްވާތީ އަޑުގަދަވުމުގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށް އުނދަގޫވާތީ ކަމަށެވެ. ހަފްތާ ބަންދުގައި އެ ސަރަހައްދުގެ ކާރޫބާރޫކަން ވެސް ބޮޑުވެ އެވެ.
ހަފްތާ މާރުކޭޓް ބޭއްވުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ޔޫތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓްރީގެ ސަމާލުކަމަށް އެކަން މިހާރު އައިސްފައިވާ ކަމަށެވެ. އަދި ހަފްތާ ރެސް ބޭއްވުމަށް މިހާރަށް ވުރެ ޖާގަތަނަވަސް، ފަސޭހަ ހިސާބެއް ހަމަޖެއްސުމަށް ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.