05 Jul 2019, 23:30
ފުލުހުން މިރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހަކަށް އަނިޔާކުރި ފުލުހުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭ ގެއެއްގެ ތެރޭ ކުލަ ހެދުމުގައި ތިބި ހަތަރު ފުލުހަކު ވެގެން މީހަކަށް އަނިޔާ ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް މިރޭ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
އެކަމާ ގުޅިގެން ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ވީޑިއޯ އިން ފެންނަނީ މާފަންނު ގެއެއްގައި މިރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރަކާ އެކު ބަލައި ފާސް ކުރި ގެއެއްގެ ތެރޭ ފުލުހުން މީހަކަށް ހަމަލާދޭ މަންޒަރު ކަމަށެވެ.
"މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. އަނިޔާކުރުމުގައި އުޅުނު ފުލުހުން ވަގުތުން ސަސްޕެންޑްކޮށް އެމީހުންނާ މެދު ތަހުގީގު ހިންގުމަށް ނިންމައިފިން،" ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި މީހަކު ކުލަ ހެދުމުގައި ތިބި ހަތަރު ފުލުހުން ވެގެން އަތުންނާ ކޮޅުފައިން ތަޅައި މީހަކަށް އަނިޔާ ކުރާތަން ފެނެ އެވެ. އަދި އަނިޔާވާ ގޮތަށް ބިންމައްޗަށް ވައްޓައި ގައިގެ އެކި ތަންތަނުގައި ތަޅަ އެވެ.
ހަމީދު މިރޭ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ، މި މައްސަލާގައި ފުލުހުން ކުރާ އެތެރޭގެ ތަހުގީގު އިތުރުން، މި މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނުން ބަލައި ދިނުމަށް އެދި އެ ފުލުހުންގެ ނަންތައް ވެސް އެ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ.
"ފުލުހުން އަނިޔާކުރުމުގެ ސަގާފަތް ނިމުމަކަށް އަންނަން ޖެހޭ،" ހަމީދު ވިދާޅުވި އެވެ.