05 Jul 2019, 20:13
ނަވާރަ ސަތޭކަ އަށްޑިހަ ދެވަނަ އަހަރު ލުބްނާނުގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު އީރާނުގެ ހަތަރު ޑިޕްލޮމެޓުން އަދިވެސް އިސްރާއީލުގެ ޖަލުގައި އެބަތިބި ކަމަށް އީރާނުން ބުނެފިއެވެ.
ގެއްލުނު ޑިޕްލޮމެޓުންގެ ތެރޭގައި އަހުމަދު މުތަވައްސިލިއާން، ސައްޔިދު މުހުސިން މުސާވީ، ތަގީ ތަސްތެގާރު މޮގަދަމް އަދި ކަޒީމް އަޚްވާން ހިމެނެއެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން ބުނީ އެ ހަތަރު ޑިޕްލޮމެޓުންވެސް ހައްޔަރުކޮށްފައިވަނީ ލުބްނާންގެ އުތުރު ސަރަހައްދުގައި އުޅެނިކޮށް ކަމަށެވެ.
އީރާނުން ބުނީ އެ ހަތަރު ޑިޕްލޮމެޓުންވެސް ހައްޔަރުކުރީ ލުބްނާނުގައި އެ ދުވަސްވަރު ހަނގުރާމަ ކުރަމުން ދިޔަ ޖަމާއަތަކުން ކަމަށެވެ. އަދި އެ އަށްފަހު އެ ހަތަރު ޑިޕްލޮމެޓުން އިސްރާއީލާ ހަވާލުކުރީ ކަމަށްވެސް އީރާނުން ބުންޏެވެ.
އީރާނުގެ ޑިޕްލޮމެޓަކުން ގެއްލުނު ދުވަސްވަރަކީ އިސްރާއީލުން ދެކުނު ލުބްނާން ހިފައިގެން އުޅުނު ދުވަސްވަރުވެސް މެއެވެ. އެހެންކަމުން އެ ޑިޕްލޮމެޓުން ގެއްލުނީ އިސްރާއީލުގެ ސަބަބުން ކަމަށް އީރާނުން ބުނެއެވެ.
ހަތަރު ޑިޕްލޮމެޓުން ގެއްލުނުތާ 37 އަހަރު ފުރިފައިވާއިރު، އެ ހަތަރު ޑިޕްލޮމެޓުން ހޯދުމަށް ބައިނަލްއަގުވާމީ ދުނިޔެއިން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ބުނެ އީރާނުން ވަނީ ވަރަށް ބޮޑަށް ފާޑުވެސް ކިޔައިފައެވެ.
ޑިޕްލޮމެޓުންތައް ވީގޮތެއް ހޯދުމަށް ލުބްނާނުން ފާއިތުވި އަހަރުކޮށްފައިވާ މަަސައްކަތްތަކަށްވެސް އީރާނުން ވަނީ ޝުކުރުއަދާކޮށްފައެވެ.