05 Jul 2019, 20:21
އިނގިރޭސިވިލާތުގެ ހިފަހެއްޓި އީރާނުގެ ތެޔޮ ޓޭންކަރުދޫކޮށް ނުލައިފިނަމަ ރައްދުގައި އެގައުމުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓާނެކަމުގެ އިންޒާރުވެސް އީރާނުން ދީފިއެވެ.
އީރާންގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އިނގިރޭސިވިލާތުން ޓޭންކަރު ދޫކޮށްނުލައިފިނަމަ އެގައުމުގެ ޓޭންކަރެއް ހިފަހެއްޓުމަކީ އީރާނަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ.
ސީރިޔާއަށް ދަތުރުކުރަމުން ދިޔަ އެ ޓޭންކަރު ހުއްޓުވައިފައިވަނީ ސްޕެއިން ކައިރީގައި އޮންނަ ޖިބްރާލްޓާރުގެ ކައިރީގައި އެ ޓޭންކަރު ދަތުރުކުރަމުންދަނިކޮށެވެ.
ގްރޭސް 1 ގެ ސުޕާ ޓޭންކަރަށް އިނގިރޭސިވިލާތުގެ މެރިން ވަނީ އަރައި އެ ޓޭންކަރު ހިފަހައްޓައިފައެވެ.
ސްޕެއިން އިން ބުނީ އެ ޓޭންކަރު ހުއްޓުވައިދިނުމަށް އިނގިރޭސިވިލާތުން އެދުނު ކަމަށެވެ.
ސްޕެއިން އިން ބުނީ އެ ތެޔޮ ޓޭންކަރުން ތެޔޮތައް ގެންދަން އުޅުނީ ސީރިއާގެ ތެޔޮ ސާފުކުރާތަނަކަށް ކަމަށް ބެލެވޭ ކަމަށެެވެ. އެ ތެޔޮ ސާފުކުރާތަނަކީ ޔޫރަޕިއަން ޔޫނިއަންއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތަނެއްވެސް މެއެވެ.
އިނގިރޭސިވިލާތުން ހިފަހެއްޓި ޓޭންކަރުގައި 28 ފަޅުވެރިން ތިއްބެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ގިނަ އަދަދެއްގެ އިންޑިއާ މީހުންގެ އިތުރުން ޕާކިސްތާނުގެ މީހުންނާއި އަދި ޔުކްރޭނިއަން މީހުން ހިމެނެއެވެ.
ޖިބްރޯލްޓާގެ އޮފިޝަލުން ވިދާޅުވީ އެ ޓޭންކަރުގައި ހުރި ތެލާއި އަދި އޭގެ ހަގީގީ މިސްރާބު ހޯދުމަށް މިހާރު ފަޅުވެރީންނާ ސުވާލުކުރަމުންދާ ކަމަށެވެ.
މެދު އިތުމަތީގެ މަސްރަހު ދިރާސާ ކުރާ ބޭފުޅެއް ކަމަށްވާ އަލީ ރިޒްކު "ރަޝިއާ ޓޫޑޭ" އަށް މައުލޫމާތު ދެމުން ވިދާޅުވީ ތެޔޮ ޓޭންކަރު ހިފެހެއްޓީ އިނގިރޭސިވިލާތުން އެމެރިކާއާ ބައިވެރިވުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށެވެ. އެމެރިކާއާއި އީރާނާ ފަހަކަށް އައިސް ވަނީ ގުޅުންތައް ގޯސްވެ ހަނގުރާމައަކަށް ދާ ވަރަށް މަސްރަހު ގޯސްވެފައެވެ.