ރާއްޖޭގައި ބާއްވާ 17 ވަނަ ސާކްސަމިޓާ ގުޅުވައިގެން ފުވައްމުލަކުގައި އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ފަށާ "ޓްވެންޓީ- ޓްވެންޓީ" ކުރިކެޓް މުބާރާތުގެ މެޗްތައް ކުރިއަށްދާނެ ގޮތުގެ ޝެޑިއުލް އާއި ގަޑިތައް މިއަދު އިއުލާން ކޮށްފި އެވެ.

މެޗްތައް ކުރިއަށްދާނެ ގޮތުގެ ޝެޑިއުލް މިއަދު އިއުލާން ކުރި އިރު، އަވައްޓެރި ބަގްލަދޭސް ވަނީ އެންމެ ފަހު ވަގުތު މުބާރާތުން ވަކިވެފަ އެވެ.

ކޮންމެ ދުވަހަކު ވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:30 ގަ އެވެ. ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މެންދުރު ފަހު 1:30 ގައެވެ.

މުބާރާތް އަންނަ މަހުގެ އެއް ވަނަ ދުވަހު ފަށާއި އިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ރާއްޖެއާއި ބޫޓާނެވެ. އަދި ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ނޭޕާލާއި ސްރީ ލަންކާ އެވެ.

ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ އިންޑިއާ އާއި ޕާކިސްތާނެވެ. އަދި ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ރާއްޖެއާއި އަފްގާނިސްތާނެވެ.

ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލު ކުރާ ދެ ޓީމަކީ އިންޑީއާ އާއި ނޭޕާލެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ޕާކިސްތާނާއި ސްރީލަންކާ އެވެ.

ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ބޫޓާނާއި އަފްގާނިސްތާނެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ އިންޑިއާ އާއި ސްރީލަންކާ އެވެ.
ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައި ވަނީ އެންމެ މެޗެކެވެ. އެމެޗުގައި ޕާކިސްތާނާއި ދެކޮޅަށް ނުކުންނާނީ ނޭޕާލެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.

މުބާރާތުގައި ރާއްޖެ ލައްވާލީ ބޫޓާނާއި އަފްގާނިސްތާނާ އެއް ގްރޫޕެއްގަ އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދުނިޔޭގެ ކްރިކެޓުގެ ގަދަބާރުތައް ކަމަށްވާ އިންޑިޔާ އާއި ޕާކިސްތާނާއި ސްރީ ލަންކާގެ އިތުރުން ނޭޕާލެވެ. މީގެ ތެރެއިން ނޭޕާލަކީ ދެކުނު އޭޝިއާ އިން ޓެސްޓް ކްރިކެޓް ނުކުޅޭ ގައުމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ގައުމެވެ.

ސާކް ޤައުމުތަކުގެ 25 އަހަރުން ދަށުގެ ޓީމްތައް ވާދަކުރާ މުބާރާތާބެހޭ ގޮތުން ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ފައިސަލް މިރޭ ވިދާޅުވީ، މުބާރާތުގައި ވާދަކުރުމަށް މިއަދު ޕާކިސްތާން ޓީމް ރާއްޖެ އައިސްފައިވާ އިރު، ދެން ހުރި ޤައުމުތަކުގެ ޓީމްތައް އަންނަ ހޯމަ ދުވަހުގެ ކުރިން ރާއްޖެ އަންނާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ، ކޮންމެ ޓީމެއްގައި ވެސް ކުޅުންތެރިންނާ، އޮފިސަލުންނާ އެކު ޖުމްލަ 17 މީހުން ހިމެނޭ ކަމަށާއި ޓީމްތަކުގެ ހުރުމާ ކެއުމުގެ ކަންތައްތައް ހަމަޖެހިފައި ވަނީ ހެރެތެރެ ރިސޯޓުގައި ކަމަށެވެ.

ކްރިކެޓް ބޯޑާއި ފޮރިން މިނިސްޓްރީއާ ކުޅިވަރާ ބެހޭ މިނިސްޓްރީ ގުޅިގެން ބާއްވާ މުބާރާތް ކުރިއަށް ގެންދަނީ އަންނަ މަހުގެ އެކަކުން ހަތަކަށެވެ. މިމުބާރާތަށް ފުވަމުލަކުގައި ހަދާ ކްރިކެޓް ދަނޑަށް ސަރުކާރުން 2.8 މިލިޔަން ރުފިޔާ ހަރަދުކުރެ އެވެ.