ސަރުކާރުގެ އޮފީސްތަކުން ހުޅުވާލާ 2.5 މިލިއަން ރުފިޔާއަށް ވުރެ އަގު ދަށް މަސައްކަތާއި ތަކެތި ހޯދުމުގެ ކޮންޓްރެކްޓްތައް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިނުމަށް ފިނޭންސް މިނިސްޓްރީއިން އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި އިއްޔެ ސަރުކާރުގެ އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ މާލިއްޔަތު ގަވައިދުގައި ބުނާ 2.5 މިލިއަން ރުފިޔާއަށް ވުރެ އަގު ދަށް ޕްރޮކިއުމަންޓްތަކުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ދިވެހި ވިޔަފާރިތަކަށް އެކަނި ކަމަށް ކަނޑައަޅައިގެން ބިޑްތައް ކުރިއަށް ގެންދިޔުމަށް އަންގާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ، އެ އުސޫލު ކަނޑައެޅީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަން ދިނުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.

މި ސަރުކާރުން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ބޭންކެއް ވެސް މިފަހުން ތައާރަފްކޮށްފަ އެވެ. އެސްއެމްއީ ބޭންކުން މިހާތަނަށް 30 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ.