05 Jul 2019, 10:35
އިންޑިއާގެ އަސްކަރިއްޔާގެ ދައުވަތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ޝްރީ ރަޖްނަތު ސިންގްހާ ބައްދަލުކުރައްވައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އިއްޔެ ބޭއްވެވި މި ބައްދަލުކުރެއްވެވުމުގައި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ތަރައްގީކޮށް ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ފުޅާ ދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ޗީފް އޮފް ޑިފެންސް ފޯސް، އިންޑިއާގެ ޑިފެންސް މިނިސްޓަރާއެކު ބޭއްވެވި މި ބައްދަލުކުރެއްވެވުމުގައި އެމަނިކުފާނުގެ އަރިހުގައި އެމްއެންޑީއެފް ސާވިސް ކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ހާމިދު ސަފީގު ބައިވެރިވެވަޑައިގެންނެވި އެވެ.
ދިވެހި ސިފައިންގެ ޗީފް އިންޑިއާއަށް މި ކުރައްވާ ދަތުރުފުޅަކީ، އިންޑިއާގެ ޗެއާމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ދައުވަތަކަށް ކުރައްވާ ފަސް ދުވަހުގެ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ޝަމާލް ވަނީ އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖް (އެންޑީއައި) އާއި، އިންޑިއާގެ އިންސްޓިޓިއުޓް ފޯ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ) އަށް ޒިޔާރަތްކުރައްވައި، ލެކްޗާއެއް ދެއްވައިފަ އެވެ.
މީގެ އިތުރުން، ޝަމާލް އިއްޔެ ވަނީ ނިއުދިއްލީގައި ހުންނަ އިންޓަގްރޭޓެޑް ހެޑްކްއޯޓާޒް އޮފް ޑިފެންސް ސްޓާފްގެ ސައުތް ބުލޮކަށް ޒިޔާރަތް ކުރައްވައިފަ އެވެ. މި ޒިޔާރާތުގައި އެމަބިކުފާނަށް ވަނީ އޮނަ ގާޑެއް އަރުވައި ވަރަށް ހޫނު މަރުޙަބާއެއް ދައްނަވާފަ އެވެ. އަދި ހެޑްކްއާޓަރުގައި މެހެމާނުން ސޮއި ކުރައްވާ ފޮތުގައި އެމަނިކުފާނު ވަނީ ސޮއިކުރައްވާފަ އެވެ.
ދިއްލީގައި ހުއްނަ ވޯ މެމޯރިއަލްއަށް ޒިޔާރާތްކުރައްވާ، އެތަނުގައި ގާއިމްކޮށްފައިވާ ޝަހީދުންގެ ބިނާއަށް ވެސް ޝަމާލް އިހުތިރާމްގެ ޒިޔާރަތެއް އިއްޔެ ކުރެއްވި އެވެ.