04 Jul 2019, 23:10
ސިނގިރޭޓް ވަކިން ވިއްކައިގެން 28 ތަނެއް ޖޫރިމަނާކޮށްފިއެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ގުޅޭގޮތުން ގެޒެޓް ކުރި އާ ގަވާއިދުގެ ދަށުން މިިދިޔަ މޭ މަހުގެ 31 އިން ފެށިގެން ސިނގިރެޓް ވަކިން ވިއްކުމަކީ މަނާ ކަމެކެވެ. ނަމަވެސް އޭގެ ފަހުންވެސް ސިނގިރޭޓް ވަކިން ވިއްކާކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން ދިޔައީ ފެންމަތިވަމުންނެވެ.
ސިނގިރޭޓް ވަކިން ވިއްކާތޯ ބަލަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާއްސަ އޮޕަރޭޝަނެއް މިއަދު ވަނީ ފަށައިފައެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިނގިރޭޓް ވަކިން ވިއްކައިގެން މިއަދު 11 ފިހާރައަކާއި 17 ކެފޭއެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މިއަދު އިންސްޕެކްޓް ކުރި ތަންތަމނުގެ ތެރެއިން 62 ޕަސެންޓް ތަންތަނުން ސިނގިރޭޓް ވަކިން ވިއްކާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެޗްޕީއޭގެ އޮފިޝަލަކު "ސަން" އަށް މީގެ ކުރިން ވިދާޅުވީ ސިނގިރޭޓް ވަކިން ވިއްކާތޯ ބަލަން ހިންގާ އޮޕަޜޭޝަން ފަހުން އަތޮޅު ތެރެއަށްވެސް ފުޅާކުރަންވެސް ނިންމާފައިވާ ކަމަށެވެ.
އާ ގައިވާއިދުގައިވާ ގޮތުން ރާއްޖޭގައި ވިއްކޭނީ، މަދުވެގެން 20 ސިނގިރޭޓް ހިމެނޭ ފޮއްޓެވެ. ބިޑި ވިއްކާ ނަމަ ވިއްކޭނީ މަދުވެގެން 50 ބިޑި ހިމެނޭ ފޮއްޓެއް ނުވަތަ ބޮނޑިއެކެވެ. އަދި ދުންފަތާ ދުންފަތުގެ އެހެން ބާވަތްތައް ވިއްކޭނީ އޭގައި މަދުވެގެން 30 ގުރާމް ހުންނަ ނަމައެވެ.