04 Jul 2019, 22:27
ވަގަށްނަގައި ގެއްލުވާލި މިނިވަން ނޫޙުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ އާއި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީގެ މަރުގެ ތަހުގީގުގެ ދިރާސީ ރިޕޯޓެއް ރިޔާސީ ކޮމިޝަންގެ ފަރާތުން ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ ކޮމިޝަންތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މަރާލެވިފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލުވާލި މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަންގެ ދިރާސީ ރިޕޯޓެއް ރައީސްއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑަށް ލިބިފައި އެބައޮތް ޑރ. އަފްރާޝީމް މައްސަލައިގައި ވަރަށް ތަފްސީލު ރިޕޯޓެއް. ހަމަ އެއާއެކު ރިލްވާން މައްސަލައިގައި ވެސް [ރިޕޯޓެއް ލިބިފައި އެބައޮތް]،" ރައީސް ވިދާޅުވި އެވެ.
އެ ރިޕޯޓާ ގުޅިގެން އިތުރު ތަފްސީލެއް ރައީސް ނުދެއްވައެވެ.
ރިލްވާނާއި އަފްރާޝިމްގެ މައްސަލައިގެ ތަހުގީގާ ގުޅޭ ދިރާސީ ރިޕޯޓް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް މިއަދު ވިދާޅުވި އިރު، މީގެ ކުރިން މަރުތައް ބަލާ ކޮމިޝަނުން ބުނެފައި ވަނީ އެ މައްސަލަތަކުގެ ފަހަތުގައިވާ މީހުން ވެސް ދެނެގަނެވިފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގާ ގުޅޭގޮތުން އަދި މާ ބޮޑު ތަފްސީލެއް އެކޮމިޝަނުން ހާމަ ނުކުރެއެވެ.
ރައީސް ސޯލިހް ވަނީ ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށްވެސް އެސެޓް ރިކަވަރީގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އެކުލަވާލާފައެވެ.
ރައީސް ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ދިރާސީ ރިޕޯޓެއްވެސް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މައުލޫމާތުތައް [ރައްޔިތުންނަށް] އާންމު ނުކޮށް އަދިވެސް މަޑުކުރަނީ، ދިރާސާތަކެއް ކުރަން ޖެހޭތީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދެ ރިޔާސީ ކޮމިޝަންތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ގާނޫނީ ގޮތުން ލިބެން ޖެހޭ ބާރުތައް ނުލިބި ކޮމިޝަންތަކުގެ މަސައްކަތްތައް ކުރުމަށް ގޮންޖެހުންތައް ކުރިމަތިވި ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ގާނޫނުން ކޮމިޝަނުން ދިން ބާރާއެކު ދެ ކޮމިޝަންގެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރުދޭ ބިލް މަޖިލީހުން ފާސް ކުރުމާއެކު އެ ބިލް ރައީސް ތަސްދީގު ކުރެއްވީ މިދިޔަ ހަފްތާ ހޯމަ ދުވަހުއެވެ.