04 Jul 2019, 23:03
މި އަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް އިތުރު 1000 ހައްޖު ކޯޓާ މިހާރު ހަމަޖެހިފައިވާ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިއަހަރު ހައްޖު ކޯޓާ ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ސިސިލް ފަރު ޖަމާއަތުން ވަނީ އޭސީސީއަށް މައްސަލަ ހުށަހަޅައިފައެވެ. ނަަމަވެސް އެކަމުގައި ކޮރަޕްޝަން ނުހިމެނޭކަމަށް އޭސީސީން މިއަދު ވަނީ ބުނެފަ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ހައްޖު ކޯޓާ ދޫކުރުމުގައި ކޮރަޕްޝަން އެކުނުލެވޭ ކަަމަށް އޭސީސީން ބުންޏަސް މިހާރަށްވުރެ ބޮޑަށް ހައްޖު ކޯޓާ ދޫކުރުމުގެ ކަންތައް ދެފުށް ފެންނަ ގޮތަށް ކުރަން ޖެހޭ ކަމަށެވެ.
" އަޅުގަނޑު މިހާރު ވާނީ އިސްލާމިކް މިނިސްޓްރީއަށް އެކަން އަންގައި އެ ބަދަލުތައް ގެންނަން ދަންނަވައިފައި. " ރައީސް ސޯލިހް ވިދާޅުވިއެވެ.
ރާއްޖެއިން ހައްޖަށް ދިއުމަށް ސައުދީ އަރަބިއްޔާއިން އާންމުކޮށް ދެނީ 1000 ކޯޓާއެވެ. ނަމަވެސް ސައުދީ ރަސްގެފާނުގެ ހާއްސަ ހުއްދައެއްގެ ދަށުން އިތުރު 1000 ކޯޓާ ރާއްޖެއަށް ދަނީ ދެމުންނެވެ.
މިދިޔަ އަަހަރު ސައުދީން އިތުރު ހައްޖު ކޯޓާތައް އިތުރުކޮށްދިނީ ހައްޖަށް މީހުން ފުރަން ފެށުމުންނެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކަަށް ހައްޖަށް ނުފުރުނެވެ.
މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަންއަށާއި އަމިއްލަ 5 ޖަމާއަތަކަށެވެ. ކޯޕަރޭޝަަނަށް 550 ޖާގަދިން އިރު ކޮންމެ ޖަމާއަތަކަށް ދީފައިވަނީ 90 ޖާގައެވެ.