ޓްރާންސްޕޯޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި މަހްމޫދު ޝަފީގް (މަހާ) އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލައި ނިމެންދެން އޭނާ ސަސްޕެންޑުކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މަހާ އެ މަގާމަށް ހަމަޖެއްސީ، އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އިން ކްލިއަރެންސް ދިނުމުން ކަމަށެވެ.

"މަގާމަކަށް މީހަކު އައްޔަން ކުރަނީ ޕޮލިހުންނާއި، އޭސީސީ އިން ހޯދަން ޖެހޭ މައުލޫމާތު ހޯދުމަށްފަހު. އެބޭފުޅާ އައްޔަން ކުރި އިރު ހުރިހާތަނަކުން ވެސް ކްލިއަރެންސް ލިބިފައި އޮތީ،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް މިއަދު މަހާގެ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ބުނެ އޭސީސީގެ ސިޓީއެއް ލިބިފައިވާ ކަމަށާއި މައްސަލަ ނިމެންދެން މަހާ ސަސްޕެންޑް ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ކުރީގައި ވެސް އަމަލު ކުރި ގޮތަށް، އެކަން ނިމެންދެން ސަސްޕެންޑް ކުރަން އަޅުގަނޑު ނިންމާނަން. ކުޑަ އިރުކޮޅެއް ކުރިން ސިޓީ ލިބުނީ. އެހެންވީމަ ޒީރޯ ޓޮލެރެންސް ހިފެހެއްޓުމަށް އޭސީސީގެ އެންގުމާ އެއްގޮތަށް ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަހާގެ މައްޗަށް ކުރެވެނީ ސައުދީ އަރަބިއްޔާ އިން ދިވެހި ސަރުކާރަށް ހަދިޔާކުރި ކާރެއް ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްދިނުމާ، ނޯތު ކޮރެއާ އަށް ވަގަށް ތެޔޮ އެތެރެކުރި އުޅަނދުގެ މައުލޫމާތުތައް ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިން އޮޅުވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.

މަހާ މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ނިންމެވުމަށް އިހްތިރާމް ކުރާނެ ކަމަށެވެ.