ކޯލިޝަން ލިޑަރުންގެ ބައްދަލުވުން ބާއްވާނެ މަގު ފަހިވެފައިވާ ކަމަށާއި، ހުރިހާ ލީޑަރުން ރަށުގައި ތިއްބަވާ ދުވަހަކާ ދިމާކޮށް ބައްދަލުވުން ބާއްވަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތިން ޕާޓީއަކާއި ސިޔާސީ ހަރަކާތެއް އެކުލެވެ އެވެ. އެއީ ރައީސް ސޯލިހު ނިިސްބަތްވާ އެމްޑީޕީ އާއި ނައިބު ރައީސް ފައިސަލް ނަސީމް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ލީޑުކުރައްވާ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އެވެ. ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް ސޯލިހު ވަނީ، ހަތަރު ޕާޓީގެ ލީޑަރުންގެ ލަފާ ހޯދުމަށް ކޮންމެ މަހަކު އެއްފަހަރު އެ ހަތަރު ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފަ އެވެ. އެހެން ނަމަވެސް މިހާތަނަށް ބާއްވާފައި ވަނީ އެފަދަ ދެ ބައްދަލުވުމެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން، ރައީސް ވިދާޅުވީ ކޯލިޝަންގެ ލީޑަރުންގެ މެދުގައި ގުޅުން އެބައޮތް ކަމަށެވެ. މަޖިލިސް އިންތިހާބުގެ ދުވަސްވަރު ބައްދަލުވުން ނުބޭއްވުނީ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމަކަށް ނާދެވުމުން، ބައްދަލުވުމުން ނަތީޖާ ނުނިކުންނާނެތީ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކަމެއްކުރާއިރު އެއިން ނެރެވޭނެ ނަތީޖާއެއް އޮންނަންޖެހޭނެ. ކުރަނެ ފައިދާއެއް އޮންނަންޖެހޭނެ. އިންތިހާބުގެ ތެރޭ ކޯލިޝަނުގެ ބައްދަލުވުމެއް ނުބޭއްވީ، އެ ބައްދަލުވުމުން ކުރާނެ ފައިދާ އެއް އަޅުގަނޑަށް ނުފެންނާތީ. ބައްދަލުވެގެން ކޮލިޝަނަށް އެކީގައި އޮންނަން ކުރެވޭނެ އިތުރު ފައިދާއެއް އޮތްކަމަކަށް [އޭރު] އަޅުގަނޑަކަށް ނުފެނުނު. އެހެންވެ އޭރު ލީޑަރުން ބައްދަލުކުރުމަށްވުރެ ނުކުރުން އެއީ ކޯލިޝަނަށް އޮތް އެންމެ ފައިދާހުރިގޮތްކަމަށް ފެންނާތީ، އަޅުގަނޑު އެގޮތަށް ނިންމީ،"

ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބާ ދިމާކޮށް ހަތަރު ލީޑަރުންއެކީގައި އިށީނދެގެން ކުރެވޭނެ މަޝްވަރާއެއް އޮތްކަމަށް ގަބޫލު ނުކުރެވުނު ނަމަވެސް، މިހާރު އެ ފުރުސަތު އަނެއްކާވެސް އެބައޮތް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ، މަޖިލިސް އިންތިހާބަށް ދިޔައިރު، އަޅުގަނޑުމެންނަށް އެއްބަހެއް ނުވެވުނު މަޖިލީހަށް ދާނީ އެކީގައި ކަމަކަށް. އެގަޑީގައި ހަތަރު ލީޑަރުންނާ އަޅުގަނޑާ އެކީގައި އިށީނދެގެން ކުރެވޭނެ މަޝްވަރާއެއް އޮތްކަމަށް، އެއްތަނެއްގައި ތިބެގެން ނިންމޭނެ ނިންމުމެއް އޮތްކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވުނު. މިހާރު އަނެއްކާވެސް މިއޮތީ ފައްކާވެފައި، މަގުފަހިވެފައި،"

ރައީސް ވިދާޅުވީ ހުރިހާ ލީޑަރުން މާލޭގައި ތިއްބަވާ ދުވަހަކުން ލީޑަރުންގެ ބައްދަލުވުމެއް ބާއްވަވާނެ ކަމަށެވެ.

މީގެ ކުރިން ނިންމަވާފައި އޮތީ މިމަހުގެ ހަތްވަނަ ދުވަހު ލީޑަރުންގެ ބައްދަލުވުމެއް ބޭއްވުމަށް ކަމަށާއި ނަމަވެސް އެއް ލީޑަރަކު މާލޭގައި ނެތުމުން، ޖުލައި 10ގެ ފަހުން ލީޑަރުންގެ ބައްދަލުވުމަކަށް ގޮވާލައްވާނެ ކަމަށެވެ.

ސަރުކާރު އުފެދުމަށް އެކުލަވާލި ކޯލިޝަން ދެމި އޮންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ރައީސް ތަކުރާރުކުރެއްވިއެވެ.