ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ޖޫރިމަނާގެ ގޮތުގައި ލަންކާ ސަރުކާރަށް ދިވެހި ދައުލަތުން 2.7 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އިދިކޮޅު ޕީޕީއެމް އިން ދެއްކި ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޮގުކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ލުތުފީ ގެންނަން ދައްކަން ޖެހޭނީ ވިސާ އަށް ދައްކަން ޖެހޭ 3000 ޑޮލަރުގެ އިތުރުން ޓިކެޓަށް ޚަރަދުވާ ފައިސާ ކަމަށެވެ.

ލުތުފީ ވިސާ ނެތި ލަންކާގައި ދިރިއުޅެމުން ދަތާ މިހާރު ގާތްގަނޑަކަށް ނުވަ އަހަރު ވެދާނެ އެވެ. ލުތުފީ ފިލާފައި ވަނީ 2010 ވަނަ އަހަރު އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން އޭނާ ބޭސްފަރުވާއަށް ފޮނުވުމުންނެވެ.

"ލުތުފީ ގެންނަން 2.7 މިލިއަން ޚަރަދު ކުރާކަށް ނުޖެހޭ. އެކަމަކު ލުތުފީ ލަންކާގައި ހުރީ ވިސާ ނެތި. އޯވަސްޓޭގައި. އެހެންވީމަ ވިސާ އަށް ދައްކަން ޖެހޭ 3000 ކޮންވެސް ޑޮލަރެއް އެބަ އުޅޭ. އެ ދައްކަން އެބަ ޖެހޭ. އަނެއްކާ ލުތުފީ މާލެ ގެންނަން ޓިކެޓު ވެސް ގަންނަން އެބަ ޖެހޭ. އެ ޚަރަދު ވެސް ސަރުކާރުން ކުރަން ޖެހޭނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވިސާ ނެތި ގަވާއިދާ ޚިލާފަށް ލަންކާގައި އުޅުމުން ދައްކަން ޖެހޭ ޖޫރިމަނާ ދައްކަން ޖެހޭނީ ލުތުފީ ކަމަށެވެ. އެއީ ސަރުކާރުން ކުރަން ޖެހޭނެ ޚަރަދެއް ނޫނެވެ.

"އޯވަސްޓޭ ކޮށްގެން ދައްކަން ޖެހޭ ފައިސާ އެއީ ލުތުފީ ދައްކަން ޖެހޭ އެއްޗެއްގެ ގޮތުގައި އޮންނާނީ. މިވަގުތު ލުތުފީ އަތުގައި އެއްވެސް ފައިސާއެއް ހުރި ކަމަކަށް ލުތުފީ ނުބުނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެންމެން ވެސް ބޭނުންވަނީ ދައްކަން ޖެހޭ އެއްޗެއް ދައްކައިގެން ލުތުފީ ރާއްޖެ ގެނެސް ޖަލަށް ލުން ކަމަށެވެ.