ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަޅާ އާ ޓާމިނަލްގެ އަމަލީ މަސައްކަތް މިމަހުގެ 27 ގައި ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް 2022 ވަނަ އަހަަރުގެ މެދު ތެރޭ ނިމޭނެ ކަމަށެވެ.

"ވެލާނާ އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު މިހާރު ވަނީ އލަުން ސޮއިކުރެވި މަސައްކަތް ފަށަން ތައްޔާރުވެފައި. އެކަމަށް 30 މަސް ހޭދަވާނެ. އެންމެ ލަސްވެގެން 2022 ގައި އެތަނުން ހިދުމަތް ދެވެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.

ވީއައިއޭގައި ތަރައްގީ ކުރުމަށް ކުރިއަށްގެންދާ އެއް ބިލިއަން ރުފިޔާގެ މަޝްރޫއުގެ ތެރޭ ހިމެނޭ އާ ޓާމިނަލްގެ ޑިޒައިނެއް ބަދަލު ގެންނަން ނިންމާ އެކަމުގެ އެއްބަސްވުމުގައި މިދިޔަ ހަފްތާ ވަނީ ސޮއިކޮށްފައެވެ. އާ ޓަމިނަލްގެ ޑިޒައިނަށް ގެނައި ބަދަލަކީ ދިވެހިވަންތަ ފަރުމާއަކަށް ބަދަލު ކުރުމެވެ. އެމަސައްކަތް އާކިޓެކްޗަރަކާ ހަވާލުކޮށްފައިވާކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއަށް އަބޫދާބީ ފަންޑާއި، ކުވެއުތު ފަންޑާއި ސައުދީ ފަންޑާއި، އޯޕިޑް ފަންޑުން 680 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.

އާ ޓާމިނަލްގެ މަސައްކަތް ކުރަނީ އެއާޕޯޓުގެ ހުޅަނގު ދެކުނު ފަރާތުން 73،000 އަކަ މީޓަރުގެ ސަރަހައްދެއްގަ އެވެ. މިހާތަނަށް ކޮށްފައިވަނީ 1300 ޕައިލްޖެހުމުގެ މަސައްކަތް އެކަންޏެވެ.

އާ ޓާމިނަލުން 7.5 މިލިއަން ފަސެންޖަރުންނަށް އަހަރެއް ތެރޭ ހިދުމަތް ދެވޭނެއެވެ. އެ ޓާމިނަލުގެ މަސައްކަތް ނިމޭއިރު 38 އިމިގްރޭޝަން ކައުންޓަރާ އެއިރޯ ބްރިޖުތައް ގާއިމްކުރާނެއެވެ.

އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ އާ ރަންވޭގެ މަސައްކަތް ވަނީ ނިމިފައެވެ. އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު އާ ފިއުލްފާމާއި ވީއައިޕީ ޓާމިނަލްގެ އިތުރުން ކާގޯ ކޮމްޕްލެކްސްގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ.