04 Jul 2019, 15:14
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއަކީ މި ގައުމުގެ އެންމެ ބޮޑު ކުށްވެރިޔާ ކަމަށާއި އޭނާއަށް މާފެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ލުތުފީ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ސްރިލަންކާގެ ބަންޑާރަނައިބުގެ ލިޔުމެއް ލިބުމާއެކު ލުތުފީ މާލެ ގެނެވޭނެ ކަމަށެވެ.
"ލުތުފީ އަކީ އަދިވެސް މި ގައުމުގެ އެންމެ ބޮޑު ކުށްވެރިޔާ. އެއަކަށް ނާދޭ ބަދަލެއް. އެހެންވީމާ ލުތުފީއަށް މާފު ދިނުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް. ލުތުފީ އަށް ކޮށްފައި އޮތް ހުކުމް އޭނާ ޖެހޭނީ ތަންފީޒު ކުރަން. އަޅުގަނޑަށް ބާރު އޮތް ނަމަވެސް ކުރާނެ ކަމެއް ނޫން. އެއަށް ވުރެ ބޮޑު ޚާއިނެއް އެއީ. މި ޤައުމު ދުށް އެންމެ ބޮޑު ޚާއިނު. އެންމެ ބޮޑު ކުށްވެރިޔާ،" ރައީސް ވިދާޅުވިއެވެ.
ލުތުފީ ލަންކާ އެމްބަސީއަށް ވަދެފައި ވަނީ މެއި މަހުގެ އެއްވަނަ ދުވަހު ކަމަށާއި، ހަމަ އެދުވަހު އެކަން އެނގުނު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކަން އާންމު ނުކުރީ އެއީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިނުގަންވާތީ ކަމަށެވެ.
"އަޅުގަނޑު ހިތަށް އެރީ ކޮންމެހެން ހާމަ ކުރާކަށް ނުޖެހޭ. އެއަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން އޭނާ ގެނެސް ޖަލަށް ލުމޭ މުހިންމު ކަމަކީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ކުރީގެ ދެ ސަރުކާރުން ވެސް ލުތުފީ ހޯދަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވި ކަން ފާހަގަ ކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ ލުތުފީ ހުރީ ލަންކާ އެމްބަސީގައި ނޫން ކަމަށާއި، ލުތުފީ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ލުތުފީ ލަންކާގައި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރީ ދެވަނަ ފަހަރަށް ފިލުމުގެ ފުރުސަތު ލުތުފީ އަށް ނުދިނުމަށް ކަމަށެވެ.
ލުތުފީ ރާއްޖެ ގެނައުން ލަސްވެގެން ދިޔައީ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު އޭނާ ގެންނަން ބޭނުންވާތީ ކަމަށާއި، ގަވާއިދާ ޚިލާފަށް، ހުރިހާ އިޖުރާޢަތްތަކެއް ފުރިހަމަ ނުކޮށް ލުތުފީ ގެންނަން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ ލުތުފީ އަނބުރާ ގެނެސް ޖަލަށް ލުމަށް ކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނިންމީ މިކަން ކުރާނީ ލަންކާ ސަރުކާރާ އެތަނުގެ ޤާނޫނުތަކާ އެއްގޮތަށޭ. މިސާލަކަށް ހުއްދަ ނެތި އަޅުގަނޑުމެން ލުތުފީ ގޮވައިގެން އަޅުގަނޑުމެން ސިލޯނުގެ އެއާޕޯޓަށް ދާފަހުން ލުތުފީ ފުރަން ދެކޮޅު ހަދައިފިއްޔާ، އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ. އޭރުން އަޅުގަނޑުމެން ވަގަށް ގެންނަން އުޅޭ މީހަކަށް ވާނީ. މިނިވަން ވެގެން ދާނީ،" ރައީސް ވިދާޅުވިއެވެ.
ލުތުފީ އަކީ ދަންނަ މީހެއް ނޫން ކަމަށާއި ދުވަހަކު ވެސް ލުތުފީ އާ ބައްދަލުވެފައި ނުވާ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
"އެއްވެސް އިރެއްގައި އަޅުގަނޑާ ލުތުފީ އާ ބައްދަލުވެފައެއް ނެތް. ކުރިން ވެސް އަދި ވެރިކަމަށް އައި ފަހުން ވެސް. އަޅުގަނޑު އަނެއްހެން ދަންނަ ބޭފުޅެއް ވެސް ނޫން އެއީ،" ރައީސް ވިދާޅުވިއެވެ.
ލުތުފީއަށް މާފު ދިނުމުގެ ރޫހެއްގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވާހަކަފުޅު ދައްކަވާފައިވާތީ މާފު ދިނުމާ މެދު ރައީސް ސޯލިހު ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވީ އަބްދުﷲ ލުތުފީ އަކީ މިގައުމުގެ އެންމެ ބޮޑު ކުއްވެރިޔާ ކަމަށެވެ. އަދި އޭނާ ޖެހޭނީ ހުކުމް ތަންފީޒު ކުރަން ކަމަށާއި އޭނާއަށް މާފެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
އިއްޔެ ލަންކާގެ ސީއައިޑީން ލުތުފީގެ ބަޔާނެއް ނަގައި ލުތުފީ މާލެ ގެނައުމަށް މައްސަލައެއް ނެތް ކަމަށް ލަންކާގެ ސަރުކާރަށް އަންގާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ލުތުފީ މާލެ ގެނައުމަށް 2.7 މިލިއަނެއްހާ ރުފިޔާ ސަރުކާރުން ދައްކަން ޖެހޭނެ ކަމަށް އިދިކޮޅު ޕީޕީއެމް އިން ދެއްކި ވާހަކަ ރައީސް ވަނީ ދޮގުކުރައްވައިފައެވެ. ރައީސް ވިދާޅުވީ ލުތުފީ ގެންނަން ޚަރަދުވާނީ 3000 ޑޮލަރާއި ޓިކެޓަށް އަރާ ފައިސާ ކަމަށެވެ.