04 Jul 2019, 14:19
ރާމަﷲ (ޖުލައި 4) : ފަލަސްތިނުގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްލާން ކުރައްވަން މަސައްކަތް ކުރައްވާ "ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއު ގެ އިގްތިސާދީ ޕްލޭން އިފްތިތާހް ކުރުމަށް ބަހްރައިންގައި ބޭއްވި އިގްތިސާދީ މަހާސިންތާ ނާކާމިޔާބުވެފައިވާ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.
ރާމަﷲ ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައްބާސް ވިދާޅުވީ އެމެރިކާ އިސްވެ އޮވެގެން ބެއްވި އެ މަހާސިންތާ ނާކާމިޔާބުވީ އޭގައި ބައިވެރިވުމަށް ފަލަސްތީނު ދެކޮޅު ހެދުމާއި އެމަހާސިންތާއިން ނިންމާ ނިންމުންތައް ފަލަސްތީނުގައި ތަންފީޒު ކުރުމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން އަޑުއުފުލައި މުޒާހަރާ ކުރުމުގެ ސަބަބުންނެވެ.
އައްބާސް ވިދާޅުވީ ފަލަސްތީނުން "ޑީލް އޮފް ދަ ސެންޗަރީ" ގަބޫލު ނުކުރާއިރު އަރަބި އަދި އިސްލާމީ ގައުމުތަކުންވެސް އެއާމެދު ދެކެނީ ޝައްކުގެ ނަޒަރަކުން ކަމުގައެވެ. "ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއުގައި ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފޭބުމާއި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާއި އެނބުރި ވަޒަނަށް ދިއުމުގެ ހައްގު ފަލަސްތީނުގެ ރެފިއުޖީންނަށް ދިނުންފަދަ ފަލަސްތީނު މައްސަލައިގެ އަސާސްތައް ނެތްކަން އެނގިފައިވާ ކަމަށާ އެ މަޝްރޫއު ގަބޫލުނުކުރުމަށް ފަލަސްތީނުން ނިންމީ އެކަމުގެ ސަބަބުން ކަމަށް އައްބާސް ވިދާޅުވިއެވެ.
"ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއު އަމާޒުކޮށްފައިވަނީ އެނބުރި ވަޒަނަށް ދިއުމުގެ ހައްގު ފަލަސްތީނުގެ ރެފިއުޖީންނަށް ދިނުމުގެ ބަދަލުގައި ފަލަސްތީނު ރެފިއުޖީން މިހާރު ތިބި ގައުމުތަކުގައި އެމީހުން ވަޒަންވެރި ކުރުވުމަށް ކަމަށްވެއެވެ. އަދި އިސްރާއީލު ހިފާފައިވާ ފަލަސްތީނު ބިންތަކުން އިސްރާއީލު ފޭބުމުގެ ބަދަލުގައި އެމަޝްރޫއު އަމާޒުކޮށްފައިވަނީ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުގެ އިސްތިއްމާރު ބާއްވައިގެން އިސްރާއީލުގެ ކޮންޓްރޯލް އޮންނަ މިނިވަންކަންނެތް ސިޔާދަތު ނެތް ދައުލަތެއް ފަލަސްތީނުގެ ބިމުގެ ތަންކޮޅެއްގައި ގާއިމްކުރުމުގެ މައްޗަށެވެ.
އިސްރާއީލު އެދޭގޮތަށް ފަލަސްތީނު މައްސަލަ ހައްލުކުރުމަށްޓަކައި ފަލަސްތީނު ރައްޔިތުންގެ ރުހުން ހޯދުމުގެ ގޮތުން ފަލަސްތީނުގެ ބިންތަކުގައި އިންވެސްޓްމަންޓްތައް ގާއިމްކޮށް އިންފްރާސްޓްރަކްޗާ ބިނާކޮށްދީ ފަލަސްތީނު މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަނޅުކޮށްދިނުމަކީ "ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއުގެ އިގްތިސާދީ ޕްލޭންއެވެ. އެ ޕްލޭން އިފްތިތާހް ކުރުމުގެ މަހާސިންތާ މިދިޔަ ހަފްތާގައި އެމެރިކާގެ ބެލުމުގެ ދަށުން ބަހްރައިންގައި ވަނީ ބާއްވާފައެވެ.
އެމަހާސިންތާއި އެމެރިކާވަނީ ފަލަސްތީނުގެ އިންފްރާސްޓްރަކްޗާ ބިނާކޮށްދީ ފަލަސްތީނު މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަނޅު ކުރުމަށްޓަކައި 10 އަހަރު ތެރޭގައި 28 ބިލިޔަން ޑޮލަރު ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގައި އިންވެސްޓް ކުރާނެކަން ހާމަކޮށްފައެވެ. އަދި ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅޭ ލުބްނާން، މިސްރު، އަދި އުރުދުންއަށް ވެސް 10 އަހަރު ތެރޭގައި އެތަށް ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ފޯރުކޮށްދޭނެކަމަށް އެ މަހާސިންތާގައި އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ.
މިގޮތުން މިސްރަށް 9 ބިލިޔަން ޑޮލަރު، ލުބްނާނަށް 6 ބިލިޔަން ޑޮލަރު އުރުދުންއަށް 7 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ފޯރުކޮށްދޭނެކަމާއި މިހުރިހާ އިންވެސްޓްމަންޓްތަކެއްގެ 80 އިންސައްތަ ހިއްސާކުރާނީ ގަލްފުގެ މުއްސަނދި ގައުމުތަކުން ކަމަށްވެސް އެމެރިކާ ބުނެފައިވެއެވެ. ފަލަސްތީނުގެ އިތުރުން ލުބްނާން، އިރާގު އަދި އެނޫންވެސް ބައެއް ގައުމުތަކުން އެ މަހާސިންތާ ވަނީ ބޮއިކޮޓްކޮށްފައެވެ. (އަނަތޯލިއާ ނޫސްއެޖެންސީ)