04 Jul 2019, 13:56
ރައީސް އޮފީހުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބާއްވަވާ، ނޫސްވެރިންގެ ބައްދަލުވުމުގައި ނޮވެމްބަރު ތިނެއްގެ އުދުވާނުގައި އިސްކޮށް ހަރަކާތްތެރިވި ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ ގެންނާނެ ވަގުތެއް އިއުލާން ކުރައްވަން ނިންމާފައިވާކަން "ސަން"އަށް އެނގިއްޖެ އެވެ.
އިތުބާރު ހުރި މަސްދަރަކުން މިއަދު "ސަން"އަށް ބުނީ ލުތުފީ ރާއްޖެ ގެނައުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި ލުތުފީ ސީދާ ގެނެވޭނެ ވަގުތެއް މިއަދު ރައީސް ސޯލިހު އިއުލާން ކުރައްވާނެ ކަމަށް ވެސް އެނގިފައިވެ އެވެ.
ބައެއް މަސްދަރުތަކުން ބުނި ގޮތުގައި މިއަދުގެ ވަގުތެއްގައި ވެސް ލުތުފީ ރާއްޖެ ގެނައުން އެކަށީގެންވެ އެވެ. އެކަމަކު އެކަން އަދި ކަށަވަރު ވާގޮތެއް ނުވެ އެވެ.
ބޭސްފަރުވާއަށް 2010 ގައި ލަންކާއަށް ދިޔަ ގޮތަށް އެ ގައުމުގައި ފިލައިގެން އުޅުނު ލުތުފީ އަމިއްލައަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވީ މިދިޔަ މޭ މަހުގެ 1 ވަނަ ދުވަހު ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ. އަދި ލުތުފީ ގެނައުމުގައި ލަސްތަކެއް ދިމާވީ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަން ވަގުތު ނަގާނީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އޭނާ ރާއްޖެ ގެނައުން ލަސްވާ މައްސަލައިގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ. އަދި އޭނާ އެމްބަސީއާ ހަވާލުވެ ދެ މަހެއްހާ ދުވަސްފަހުން އެކަން ސަރުކާރުން ހާމަކުރުމުން، އެކަމުގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް އަމާޒުވި އެވެ.