29 Oct 2011, 10:12
ފުވައްމުލަކު ފިހާރައެއްގެ ސޭޓެއްގެ އަތުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ފޭރިގަތް މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށް، ފޭރިގަތް ފައިސާގެ ތެރެއިން 40،000ރ. އަށް ވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކާއި ފުވައްމުލަކު ފުނާޑު، ޕެންޒީގޭ މުހައްމަދު ނާފިޒު 25، އާއި ގުލިސްތާނުގޭ އިބުރާހިމް އަހުމަދު 23، އަދި ލޫނާގޭ މުހައްމަދު އަބުދުﷲ28، ކަމަށެވެ.
ފުލުހުން ބުނީ ފުވައްމުލަކު "ލާކިޔާ" ފިހާރައިގެ ސޭޓްއަތުން ފައިސާތައް ފޭރިގެންފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 11:30 އެހާކަންހާއިރު އޭނާ ފިހާރަ ބަންދުކުރުމަށް ފަހު އެފިހާރަ އަށް ލިބުނު ފައިސާތައް ހިފައިގެން ސޭޓް ގެއަށް ވަންނަނިކޮށް ކަމަށެވެ.
މިއަހަރުގެ ކުރީ ކޮޅުވެސް ބަޔަކު ވަނީ އެ ފިހާރައިގެ ވެރިފަރާތުން ފިހާރަ ބަންދުކޮށްފައި ގެއަށްވަންނަން ދިޔަ ވަގުތު ތޫނު އެއްޗެހިންނާއި ލަކުޑި ބުރިތަކުން ހަމަލާދީ ވަރަށްބޮޑަށް ޒަހަމްކޮށްލާފަ އެވެ.