މިއަހަރު ހައްޖަށް މީހުން ގެންދިޔުމަށް ކުންފުނިތަކަށް ކޯޓާ ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނިފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އެ މައްސަލަ ތަހުގީގުކޮށް އޭސީސީއިން މިއަދު އާންމު ކުރި މައްސަލައިގެ ހުލާސާގައި ބުނީ، ކޮމިޝަނުން ޕޮއިންޓް ދީފައިވާގޮތް ބެލިއިރު ޕޮއިންޓް ދިނުމުގައި ގަސްތުގައި ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް ޕޮއިންޓްދީ، ގަސްތުގައި ވަކިފަރާތަކަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

"މި މައްސަލައިގައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުމާ މަނާކުރުމުގެ ޤާނޫނު)ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުކޮށްދެވިދާނެކަމަށް ނުފެންނާތީ، ޤާނޫނު ނަންބަރު 13/2008 (އެންޓި- ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ ވަނީ ނިންމާފައެވެ،" އޭސީސީއިން މިއަދު އާންމު ކުރި ހުލާސާ ރިޕޯޓްގައިވެ އެވެ.

ހައްޖު ކޯޓާ ދޭނެ ކުންފުނިތައް ކަނޑައެޅުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެ މައްސަލަ އޭސީސީއަށް ހުށަހެޅީ، ސިސިލްފަރުން އެވެ. އަދި އެ ކުންފުނިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.

ހައްޖަށް ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަަލް ހުށަހެޅުމަށް ހުޅުވާލުމުން 18 ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅި އެވެ.

އޭސީސީގެ ރިޕޯޓުގައި ބުނީ، 18 ފަރާތަކުން ހުށަހެޅި އެ ޕްރޮޕޯސަލްތައް އިސްލާމިކް މިނިސްޓްރީގެ މުވައްޒިފުން ބަލައިގަތްއިރު، ހައްޖަށް މީހުންގެ ގެންދަން އާންމު ކުރި އުސޫލުގެ ހަ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮޕޯސަލްއާއެކު ހުށަހަޅަން ލާޒިމް ކުރާ ލިޔުންތައް ޕްރޮޕޯސަލްއާއެކު ހުށަހަޅާފައި ނެތް ނަމަށް އެ ޕްރޮޕޯސަލްތައް ބަލައިގެންފައިވާ ކަމަށެވެ.

ނަމަވެސް ފަހުން، އިދާރީ މުވައްޒިފުން ބަލައިގަތް ޕްރޮޕޯސަލްތައް އިވިލުއޭޝަން ކޮމިޓީއަށް ހުށަހެޅި އިރު، އެއ ޕްރޮޕޯސަލްތަކާއެކު ހުށަހަޅަން ލާޒިމް ކުރާ ލިޔުންތައް ހަމަތޯ ބެލުމަށް ރީޗެކް ކުރުމަށް އަލުން އިދާރީ މުވައްޒިފުންނާ އެންގުމަށް އިވެލުއޭޝަން ކޮމީން ނިންމި ކަން ތަހުގީގަށް އެނގޭ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމިޝަނުން އެ ޕްރޮޕޯސަލްތައް ބެލި އިރު، ހައްޖަށް މީހުންގެ ގެންދަން އާންމު ކުރި އުސޫލުގެ ހަ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުށަހަޅަން ލާޒިމް ކުރާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ ހައްޖަށް މީހުން ގެންދާ ކުންފުނީގެ އިސްވެރިޔާއާއި ނައިބު ރައީސްގެ މަސްއޫލިއްޔަތު ބާޔަން ކުރާ ލިޔުން އަމިއްލަ ދެ ކުންފުންޏަކުން ހުށަހަޅާފައި ނުވާކަން ފާހަގަ ކުރެވުނު ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

"މި ދެ ޕްރޮޕޯސަލް އަކީ، އިވެލުއޭޝަން ކޮމިޓީން ބާތިލް ކުރަން ޖެހޭ ދެ ޕްރޮޕޯސަލަށް ވީނަވެސް މި ދެ ޕްރޮޕޯސަލް އިވިލުއޭޝަން ކޮމިޓީން ބާތިލް ކޮށްފައި ނުވާ،" ކަމަށް އޭސީސީގެ ތަހުގީގު ރޮޕޯޓުގައި ބުނެފައިވެއެވެ.

އެއީ ކޮން ދެ ކުންފުންޏެއް ކަމެއް އޭސީސީގެ ރިޕޯޓުގައި ބުނެފައި ނުވެއެވެ. އެ ދެ ކުންފުނީގެ ޕްރޮޕޯސަލް ބާތިލް ކޮށްފައި ނުވަނީ އުސޫލުގެ ހަތް ވަނަ މާއްދާއާއި އަށް ވަނަ މާއްދާގައި ބަޔާން ކުރާ ގޮތުގެމަތިން ބަލަން ޖެހޭ މިންވަރަށް ނުބެލުމުން ކަމަށް ކޮމިޝަންގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުނެއެވެ.

ކޮމިޝަންގެ ރިޕޯޓިގައި އިސްލާހު ކުރަން ބުނި ބައެއް ކަންތައް:

  • މީގެފަހުން ޕްރޮޕޯސަލް ބަލައިގަންނައިރު، އުސޫލުގައި ކަނޑައެޅިގެން ވަކިގޮތަކަށް ބަޔާންކޮށްފައިވާއިރު ސީދާ އެގޮތަށް އަމަލު ކުރުން.

  • ހުށަހަޅަން ލާޒިމް ކުރާ ލިޔެކިޔުންތަކާއެކު ޕްރޮޕޯސަލް ބަލައިގަތުން.
  • ކޮންމެހެން ބަލަން ޖެހޭކަމަށް އުސޫލުގައި ބުނާ ލިޔުންތައް ވަކިވަކިން ބަލައި ލިޔުންތައް ކަށަވަރުކޮށްފައި މެނުވީ ޕްރޮޕޯސަލްތަކާ ހަވާލުނުވުން.
  • ޕްރޮޕޯސަލް ލިޔުންތައް ޗެކްކުރި އިރު، ޗެކް ކުރި އެއްވެސް މުވަޒައްޒިފަކު ޗެކް ލިސްޓުގައި ސޮއިކޮށްފައި ނެތުމުން ދިމާވާ މައްސަލަތަކުގައި ވަކި ފަރާތެއް ޒިންމާނުކުރެވޭތީ، މީގެ ފަހުން، ޗެކް ކުރި މުވައްޒިފުން އެނގޭނެހެން ޗެކް ލިސްޓުގައި މުވައްޒިފު ސޮއިކޮށް ތާރީހާއި ގަޑި ލިޔެ، ލިޔުންތައް ބެލެހެއްޓޫން.
  • އިވެލުއޭޓް ކޮމިޓީން ޕްރޮޕޯސަލްތައް ދަރަޖަތަކަށް ޕޮއިންޓް ދޭއިރު، ޕޮއިޓް ދިނުމުގެ ތަފްސީލު އެނގޭނެ ގޮތަށް ބަޔާން ކުރުން.