ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ޑިފެންޑިންގް ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ބައްދަލު ކުރާއިރު ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) އިދިކޮޅު މާޒިޔާގެ ތަމްރީންތަކަށް ތައުރީފް ކޮށްފި އެވެ.

މިއަހަރުގެ ފުޓުބޯޅަ ޓީމަށް އެންމެ ދުރާލައި ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައި ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި ޓީމަކީ މާޒިޔާއެވެ. އެ ޓީމުގެ ބޮޑު އިންވެސްޓްމެންޓަކާ އެކު ޓީސީއިން މިދިޔަ ސީޒަނުގައި ތަށި އުފުލާލި އިރު އެ ޓީމުގައި ހިމެނުނު މުހިއްމު ތިން ކުޅުންތެރިއަކާއި ނިއުރޭޑިއަންޓުގައި ހިމެނޭ ގައުމީ ޓީމުގެ ދެ ކުޅުންތެރިއެއްގެ ސޮއެ ވެސް ހޯދައިގެން މާޒިޔާއިން ސީޒަން ފެށި އިރު އެ ޓީމުން ވަނީ އެހެން ކުލަބުތަކެއް ވުރެން ރަނގަޅު ޕްރި ސީޒަން ތަމްރީން ތަކެއް ހޯދައިފަ އެވެ.

މާޒިޔާއިން މިއަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ތަމްރީން ސެޝަނެއްގައި -- ފޮޓޯ/މާޒިޔާ

އެގޮތުން އެ ޓީމުން ވަނީ އަހަރުގެ ކުރީ ކޮޅު އދ. މަހިބަނދޫގައި ހާއްސަ ޓްރެއިނިންގް ކޭމްޕެއްގެ ކުރިއަށް ގެންގޮސްފަ އެވެ. އެއަށްފަހު އެފްއޭއެމްއިން ހޯދައިދިން ފުރުސަތަކާ އެކު އެ ޓީމުން ވަނީ ސައުދީ އަރަބިޔާގައި ވެސް ތަމްރީން ހެދުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. ސައުދީ އަރަބިޔާގައި ޓްރެއިނިންގް ކުރަން ލިބުނު އަނެއް ޓީމަކީ މިއަދު މާޒިޔާއާ ދެކޮޅަށް ނުކުންނަ ޓީސީ އެވެ. ނަމަވެސް އެ ޓީމުން އެ ކޭމްޕް ކުރަން ހަމަޖެހިފައި ވަނީ މިއަދުގެ މެޗު ނިންމާފައި ލިބޭ ބޮޑު ބްރޭކުގެ ތެރޭގަ އެވެ.

މިއަދުގެ ބޮޑު މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ ޓީސީ އަކީ އެންމެ ފަހުގެ ޗެމްޕިއަން ކަމަށާއި އެ ޓީމަކީ މިފަހަރުގެ ލީގުގައި އޮތް އެންމެ ތަޖުރިބާކާރު އެއް ޓީމު ކަމަށެވެ. އަދި އެ ޓީމަށް މިފަދަ ބޮޑެތި މެޗުތަކުގައި ކަން ކުރަންވީގޮތް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ --- ފޮޓޯ/މާޒިޔާ

"ޓީސީ އަކީ ރާއްޖޭގެ ޗެމްޕިއަން ޓީމް،" ސެކުލޮސްކީ ބުންޏެވެ.

"އެމީހުންގެ އޮތީ ވަރަށް ތަޖުރިބާކާރު ޓީމެއް. އެމީހުންގެ ހިތްވަރާއެކު މެޗުތެރޭގައި މަސައްކަތް ކުރޭ. އަހަރެމެން ޖެހޭނެ ވަރަށް ރަނގަޅަށް ތައްޔާރުވާން. ހާއްސަކޮށް އެމީހުންގެ ޑިފެންސްގައި ތަޖުރިބާ ވަރަށް ބޮޑު،"

ޓީސީއިން ވަނީ އެމީހުން އެންމެ ފަހުން ކުޅުނު މެޗުގައި ގްރީންސްޓްރީޓުން ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި އެއްވަރު ކޮށްފަ އެވެ. އަދި އޭގެ ކުރިން މެޗުގައި ވެސް އީގަލްސްއިން ގޯލު ޖަހާފައި ވަނިކޮށް އެ ޓީމުން ވަނީ މެޗު ނިމެނިކޮށް ގޯލެއް ޖަހައި އެއްވަރު ކޮށްފަ އެވެ. މި ނަތީޖާ ތަކާ އެކު ޓީސީއިން މިވަގުތު ތާވަލުގެ ދެވަނައިގައި އޮތް އިރު މިއަދު އެ ޓީމާ ވާދަ ކުރާ މާޒިޔާއިން އެއް މެޗު މަދުން ކުޅެ އޮތީ ތާވާލުގެ ތިން ވަނައިގަ އެވެ.

މާޒިޔާގެ ކޯޗު ބުނީ ޓީސީގެ ބައެއް ކުޅުންތެރިން މިފަހަރު މާޒިޔާއަށް ބަދަލުވީ ނަމަވެސް އެ ޓީމަށް އަލަށް ގުޅުނީ ވެސް ތަޖުރިބާކާރު ހުނަރުވެރި ކުޅުންތެރިންތަކެއް ކަމަށެވެ.

ޓީސީއިން މިއަދު ނުކުންނާނީ ސީޒަނުގެ ހަތްވަނަ މެޗަށެވެ. ނަމަވެސް މާޒިޔާއިން އެ މީހުންގެ ހަތަރު ވަނަ މެޗަށް ނުކުންނަ އިރު އެ ތަފާތު ފެންނާނެ ކަމަށް ޓީސީގެ ކޯޗު އާތީ ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ. އާތީ ބުނީ ކައިރި ކައިރީގައި ގިނަ މެޗުތަކެއް ޓީސީއަށް ކުޅެން ޖެހުމުން ގިނަ މައްސަލަތަކެއް ކުޅުންތެރިންެ ފިޓްނަސްއާއި ރިކަވަރީއަށް ދިމާވެފައިވާ ކަމަށެވެ.

މީގެ އިތުރުން އާތީ ވަނީ މާޒިޔާއިން މިއަހަރުގެ ލީގަށް ތައްޔާރުވީ ގޮތަށް ވަރަށް ބޮޑަށް އެ ޓީމަށް ތައުރީފު ކޮށްފަ އެވެ. އާތީ ބުނީ ޓީމެއް މުބާރާތަކަށް ތައްޔާރުވާން ޖެހޭ ގޮތައް ތަމްރީންތައް ފުރިހަމަ ކުރި ހަމައެކަނި ޓީމަކީ މާޒިޔާ ކަމަށެވެ.

ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ސަން ފައިލް ފޮޓޯ: އަފްރާހް

"އަހަރެން ވިސްނާ ގޮތުގައި ލީގު ލިބެން ޖެހޭނީ މާޒިޔާއަށް،" މާޒިޔާއަށް ތައުރީފު ކުރަމުން އާތީ ބުންޏެވެ.

"މި ބުނަނީ އެހެން ޓީމުތަކަށް ލީގު ނުނެގޭނެއެކޭ ވެސް ނޫން. ޓީސީ ނުނަގާނަމެކޭ ވެސް ނޫން. މާޒިޔާގެ ތައްޔާރީތައް ފެނިފައި އަހަރެންގެ ހިތަށް އަރާ ރާއްޖޭގެ ހުރިހާ ޓީމެއް މި ލެވެލްގައި ތައްޔާރުވާ ނަމައޭ. އެއީ ރާއްޖޭގެ ފުޓްބޯޅަ އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. މާޒިޔާ ނަމޫނާ އަކަށް ބަލަންޖެހޭ،"

މާޒިޔާއާއި ޓީސީ ބައްދަލު ކުރާ ބޮޑު މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު ގަލޮޅު ރަސްމީ ފުޓުބޯޅަ ސްޓޭޑިއަމުގަ އެވެ.