28 Oct 2011, 14:51
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެމްޑީޕީ މީހުން ސުޕްރީމް ކޯޓްކައިރީގައި މުޒާހަރާ ކުރުމަށް ފަހު އަދި އެންދެރިމާގެ ކައިރީގައި ހިންގި ހަމަނުޖެހުންތަކުގައި މީހެއްގެ ބޮލަށް ޣައްސާން މައުމޫން ލަކުޑި ބުރިއެއް ވައްޓާލި ކަމަށް ބުނެ ފުލުހުން ދައްކާ ވާހަކަތަކުގައި ފުލުހުން ތިން ތަނުގައި ތިން ގޮތަށް ވާހަކަ ދައްކާ ކަމަށް ޣައްސާން ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މިއަދު ނެރުއްވި ދެ ސަފުހާގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރި ފުރަތަމަ ދުވަހު، ސްޕަރިންޑެންޓް މުހައްމަދު ޖިނާހު ސުވާލު ކުރައްވަމުން މަންޒަރުދުށް މީހުން ތިބި ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް ކޯޓްގައި ވިދާޅުވެފައި ވަނީ "ވަރަށް އާދަޔާ ހިލާފު މެޑިކޯލީގަލް ރިޕޯޓެއް އޮތް ވާހަކަ" ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ފުލުހުން ދިން ޕްރެސް ކޮންފަރެންސެއްގައި "އަޅުގަނޑު އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށް" ބުނެފައިވާ ކަމަށެވެ.
ޣައްސާން ވިދާޅުވީ ފުލުހުން ހަގީގަތް އޮޅޭ ގޮތަށް އަދި މުހިންމު މައުލޫމާތުތައް "ވަންހަނާކޮށް" ފުލުހުންނަށް ފައިދާވާ ގޮތަށް މައުލޫމާތު ހާމަކޮށް، މީޑިއާ މެދުވެރިކޮށް ޝަރީއަތް ކުރާކަމަށެވެ.
ޣައްސާންގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު ]ވައްޑޭ[ މިއަދު ވިދާޅުވީ ފުލުހުން ދައްކާ ވީޑިއޯ އަކީ އެޑިޓްކޮށްގެން ދައްކާ ވީޑިއޯއެއް ކަމަށާއި މުޅި ވީޑިއޯ އެއްކޮށް ދައްކަން ނުކެރިގެން އުޅެނީ އޭރުން ހަގީގަތް ހާމަވާނެތީ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ މީހުން އެ ދުވަހު ކުރި ޣައިރު ގާނޫނީ މުޒާގަރާގެ ކަންކަން ނުބަލައި އަދި އެމީހުން ހިންގި ޖިނާއީ ކުށްތައް ނުބަލައި ވަކިބަޔަކު ބަދުނާމުކުރުމަށް ވައްތަރުވައްތަރުގެ ވީޑިއޯތައް ހަދަހަދައިގެން ދެއްކުމަކީ ހާއްސަކޮށް ޖިނާހު ސިޔާސީ ވެފައި ހުންނެވި ވަރު ވަރަށް ރަނގަޅަށް ދޭހަވާ ކަމެއް ކަމަށެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމް އެކަމަށް އިންކާރު ކުރައްވަ އެވެ. އޭނާ ވިދާޅުވީ ހަގީގަތާ ހިލާފު އެއްޗެއް ފުލުހުން ނުދައްކާ ކަމަށެވެ.