04 Jul 2019, 11:12
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިއުލާންކުރި ހިޔާ މަޝްރޫއުގެ ދަށުން އެމްޓީސީސީން އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށް އަޅަން ނިންމި ދެ ޓަވަރުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ފްލެޓްތަކުގެ މަސައްކަތް ފެށިއިރު ސަރުކާރުގެ އެހެން ކުންފުނިތަކާއި އިދާރާތަކުން އަޅަން ނިންމި ޓަވަރުތައް ނާޅަން ނިންމައި އެ މަޝްރޫއުތައް ވަނީ ބާތިލްވެސްކޮށްފަ އެވެ. އެގޮތުން ގައުމީ ޔުނިވާސިޓީން އަޅަން ނިންމި ޓަވަރުތަކުގެ ކުރެހުންތަކުގެ މަސައްކަތް ނިމިފައިވަނިކޮށްވެސް އެ މަޝްރޫއު ވަނީ ބާތިލްކޮށްފަ އެވެ.
"މިހާރު ކުރިއަށް ދަނީ ކޮންކްރިޓް އެޅުމުގެ މަސައްކަތާއި ޓާވާ 1 ގައި ފައުންޑޭޝަންގެ ދަގަނޑު އެތުރާފައި ކޮލަމްތަކުގައިވެސް ދަގަނޑުތައް ޖަހާފައި ދެން އޭގެ ހުއްދަ ހޯދުމަށްޓަކައި ހުއްދަ ހައުސިން މިނިސްޓްރީން އޮތީ ދީފައި. އެހެން ނަމަވެސް އެޗްޑީސީން ޖެހޭނެ އެޕްރޫވްކޮށްލަން. އެއްޗީޑީސީން އެޕްރޫވް ލިބުނުހާ އަވަހަކަށް ކޮންކްރިޓްވެސް އަޅަން ފަށާނަން." އެމްޓީސީސީގެ ސީއީއޯ، ހަސަން ޝާހު ވިދާޅުވި އެވެ.
އެމްޓީސީސީގެ ޓަވަރުތައް އެޅުމަށް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ރީ އިންޖިނިއަރިން ވޯކްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
ޓަވަރުތަކުގެ މަސައްކަތް ކުރިއަށްދާއިރު، އެ ތަނުގެ ޑިޒައިނަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށްވެސް ޝާހު ވިދާޅުވި އެވެ.