ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ މެރީޑިއަމްއިން ތެޔޮ ގަތުމަށް ފަހު އެސްޓީއޯއަށް ނުދައްކާ ހުރި، 19 މިލިއަން ރުފިޔާގެ މައްސަލަޔާ ގުޅޭ ލިޔެކިޔުންތައް ފެނިފައިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

ރިޔާޒު ރަޝީދު އެސްޓީއޯއަށް ދައްކަން ޖެހޭ އެ ފައިސާގެ މައްސަލަ ހައިކޯޓްގައި ނުނިމި އޮތީ، އެ މައްސަލައިގައި އެސްޓީއޯއިން ހުށަހަޅަން ޖެހޭ ބައެއް ލިޔެކިޔުންތައް ގެއްލިގެން އެވެ.

ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު ވިދާޅުވީ، މެރީޑިއަމްއިން ދައްކަން ޖެހޭ 19 މިލިއަން ރުފިޔާއާ ގުޅޭ ޕްރިންޓެޑް ލިޔެކިޔުންތައް ގެއްލިފައިވީ ނަމަވެސް، އެ ލިޔުންތަކުގެ އަސްލު ކޮމްޕިޔުޓަރު ސިސްޓަމްތަކަކުން ފެނިފައިވާ ކަމަށެވެ. އަދި އެތަކެތި މިހާރު ހައިކޯޓާ ހަވާލުކޮށް މައްސަލަ ނިންމައި ދިނުމަށް އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުނަދޫގައި ހުއްޓާ ޑޮކިއުމަންޓްތައް ގެއްލިފައި ވަނީ. އޭރު އެތާ ސީސީޓީވީއެއް ނުހުރޭ. އެކަމަކު އަޅުގަނޑުމެން ސިސްޓަމްތަކުން އެ ޑޮކިއުމަންޓްތައް ހޯދައިގެން އެ ޑޮކިއުމަންޓްތައް އެނަލައިޒް ކުރަން ވާނީ ފުލުހުންނަށް ވެސް ހުށަހަޅާފައި،" އަމުރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ހައިކޯޓްގައި ނުނިމި ގިނަ ދުވަސްވަމުން އަންނާތީ ކުންފުންޏަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ އަވަހަށް ނިންމައި ދިނުމަށް އެދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ފަހުން ފައިސާ ދައްކާ ގޮތަށް އެސްޓީއޯއިން މެރީޑިއަމްއަށް ދޫކުރި ތެލަށް 19.3 މިލިއަން ރުފިޔާ ހޯދުމަށް އެސްޓީއޯއިން އެންމެ ފުރަތަމަ ސިވިލް ކޯޓްގައި ދައުވާ ކުރީ، 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އެހެން ނަމަވެސް، ލިޔެކިޔުންތައް ނުދެވިގެން ސިވިލް ކޯޓުން އޭރު ހުކުމް ކުރީ އެސްޓީއޯއިން މެރީޑިއަމްއަށް ތެޔޮ ދިންކަން ސާބިތު ނުވާތީ އެ ފައިސާ ދައްކަން އަމުރު ކުރާނެ ތަނެއް ނެތް ކަމަށެވެ.