04 Jul 2019, 11:02
ޔޫރަޕުގެ އެންމެ ބޮޑެތި ބާރުތަކުން ފާރަލަމުން ދަނިކޮށް ޕޯޗުގަލްގެ ޒުވާން ފޯވާޑް ޔާއޯ ފެލިކްސް ކުލަބުގެ ރެކޯޑު އަގަކަށް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެ އެވެ.
ޕޯޗުގަލްގެ ބެންފީކާއަށް ކުޅެމުން އަންނަ ފެލިކްސްގެ ހުނަރުވެރިކަން ފެނި އޭނާ ހޯދުމަށް އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ސިޓީގެ އިތުރުން އިޓަލީގެ ޔުވެންޓަސް ވެސް މަސަައްކަތް ކުރަމުން ދިޔަ އިރު އެތުލެޓިކޯއިން އޭނަ ގަތީ 126 މިލިއަން ޕައުންޑުގެ އަގަކަށެވެ.

އެތުލެޓިކޯ މެޑްރިޑަށް އަލަށް ގެނައި ޔާއޯ ފެލިކްސްގެ ޖާޒީ ދައްކާލުމުގެ ތެރެއިން --- ފޮޓޯ/ އެތުލެޓިކޯ މެޑްރިޑް
އެތުލެޓިކޯ މެޑްރިޑުން ފެލިކްސް ހޯދުމަށްޓަކައި ބެންފީކާއާ ދެމެދު މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވާހަކަ ދައްކަން ފެށި އިރު އެކަން ނިމިގެން ދިޔައީ އެންމެ ހަ ދުވަހުގެ ތެރޭގަ އެވެ. ޔާއޯ ފެލިކްސްގެ އެއްބަސް ވުމާ އެކު އޭނާ ހަތް ސީޒަނުގެ ނިޔަލަށް އެތުލެޓިކޯގައި މަޑު ކުރާނެ އެވެ.
ނިމިގެން މިިދިޔަ ސީޒަނަކީ ފެލިކްސްގެ ފުރަތަމަ ޕްރޮފެޝަނަލް ސީޒަނަށް ވީ އިރު އޭނާ ވަނީ 20 ގޯލު ބެންފީކާއަށް ޖަހައިދީފަ އެވެ. އަދި އޭނާ ވަނީ އެ ސީޒަނުގެ ޔޫރޮޕާ ލީގުގައި ވެސް ހެޓްރިކެއް ހަދައި އެކަން ހާސިލް ކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދައިފަ އެވެ.
ފެލިކްސް މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާ އެކު އޭނާއަށް ވަނީ އެންމެ ފަހުން ޔޫއެފާ ނޭޝަންސް ކަޕުގެ ތަށި އުފުލާލި ޕޯޗުގަލްގެ ގައުމީ ޓީމުން ވެސް ޖާގަ ދީފަ އެވެ. އުމުރުން އެންމެ 19 އަހަރުގެ ފެލިކްސް އެތުލެޓިކޯއަށް ގެންދަން ނިންމި އެންމެ ބޮޑު ސަބަބަކީ އެ ޓީމަށް ކުޅުނު ހުނަރުވެރި ފޯވާޑް ގްރީޒްމަން އެ ކުލަބު ދޫކޮށްލުމާ ގުޅިގެންނެވެ. ފެލިކްސް އެތުލެޓިކޯގައި ކުޅޭނީ ގްރީޒްމަން ކުޅުނު ހަތް ނަންބަރަށެވެ.