ސަރުކާރުގެ ބޮޑު ހިއްސާއެއްވާ ކުންފުނިތަކުން އަހަރީ ބޯނަސް ދިނުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެ އުސޫލު އާންމުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ އަލަށް އަމަލު ކުރަން ފެށި އުސޫލުގެ ބޭނުމަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ބޯނަސް ދިނުމުގައި އެއް މިންގަނޑެއް ގެންގުޅުމާއި، ބޯނަސް ދޭއިރު ދޭ ބޯނަސްއަކީ ސަރުކާރުން ކަނޑައަޅާ ޑިވިޑެންޑް ޕޮލިސީއާ އެއްގޮތަށް ޑިވިޑެންޑް ދެއްކުމަށްފަހު ދޭ ބޯނަސްއެއްގެ ގޮތުގައި ހަމަޖެއްސުން ކަމަށެވެ.

މި މަހުން ފެށިގެން އަމަލު ކުރަން ފަށާ އުސޫލުގައި ވާގޮތުން ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކުން އަހަރީ ބޯނަސްގެ ގޮތުގައި އެއްވެސް ފައިސާއެއް ދޭންވާނީ ކުންފުނީގެ ބޯޑުން ފާސްކޮށް އަދި ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް އެޖެންޑާކޮށް އަހަރީ އާންމު ޖަލްސާއިން ފާސްކޮށްގެންނެވެ.

ބޯނަސްގެ ގޮތުގައި ދިނުމަށް ހުށަހަޅާ އަދަދަކީ ކުންފުނިން އެއަހަރަށް ޑިކްލެއާ ކުރާ ޑިވިޑެންޑްގެ ތިން ޕަސެންޓަށް ވުރެ ބޮޑު އަދަދަކަށް ވެގެން ނުވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

އެހެން ކަމުން ކުންފުންޏަކުން ޑިވިޑެންޑުގެ ގޮތުގައި ބޮޑު އަދަދެއް ކަނޑައަޅައިފި ކަމުގައިވާ ނަމަ އެ ކުންފުންޏެއްގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ދެވޭނެ މިންވަރުވެސް މި އުސޫލުން ބޮޑުވެގެން ދާނެއެވެ.

ޑިވިޑެންޑް ޑިކްލެއާ ނުކުރާ ކުންފުނިތަކުން އެ އަހަރަކު އަހަރީ ބޯނަސް ނުދެވޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.

ކުންފުނީގެ ކުރީ އަހަރުތަކުގެ ރިޓެއިންޑް އާނިން ހިމެނޭ ގޮތަށް ޑިވިޑެންޓް ޑިކްލެއާ ކުރާ ކަމުގައިވާ ނަމަ ބޯނަސްގެ ތިން ޕަސެންޓު ގުނުމުގައި ބަލާނީ އެ އަހަރުގެ ޖުމްލަ ފައިދާއަށެވެ. އަދި ކުންފުނީގެ ރިޓެއިންޑް އާނިން އިން ޑިކްލެއާކުރާ ޑިވިޑެންޑް އިން މުވައްޒަފުންނަށް ބޯނަސް ނުދެވޭނެ އެވެ.

ސަތޭކަ ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏަކުން ބޯނަސް ދިނުމަށް ނިންމާކަމުގައިވާނަމަ، ލިޔުމަކުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.

އާ އުސޫލުގައި ވާގޮތުން، ކުންފުންޏެއްގެ މުވައްޒަފުންނަށް ބޯނަސް ދެވޭނީ، އަހަރީ އާންމު ޖަލްސާގައި ފާސްކުރުމަށް ފަހު، ޑިވިޑެންޑް
ފިނޭންސް މިނިސްޓަރީއަށް ދެއްކުމަށްފަހު ނުވަތަ ޑިވިޑެންޑް ދެއްކާނެ ގޮތަކާއި ގުޅޭ ގޮތުން އެ މިނިސްޓްރީ އާއެކު އެއްބަސްވުމަކަށް އައުމަށްފަހު އެވެ.

މިގޮތުން ހިއްސާދާރަށް ޑިވިޑެންޑް ދެއްކުމަށް ނުވަތަ ހިއްސާދާރު ގެ ފަރާތުން ކުންފުންޏަށް ފައިސާއެއް ދައްކަން ޖެހޭނަމަ އެ އަދަދަކާއި ޑިވިޑެންޑާއި "ސެޓް-އޮފް" ކުރުމަށް އެއްބަސްވެވިދާނެއެވެ.

މުވައްޒަފުންނަށް ދޭ ބޯނަސް މާނަކުރުމުގައި ކުންފުންޏެއްގެ މުވައްޒަފުންނަށް ދޭން ޖެހޭނެ ކަމަށް ގާނޫނެއްގައި ބުނާ އިނާޔަތެއް، މުސާރައާއި އެލަވެންސްތައް، ރެކޮގްނިޝަން އެވޯޑްތައް އަދި އެވޯޑްތަކާއި ގުޅިގެންދެވޭ އިނާމުތަކާއި ކުންފުނީގައި ގާއިމުކުރެވިފައިވާ އެކިއެކި ވެލްފެއާ ފަންޑް އަދި ސްޓާފް ލޯން
ސްކީމް އަދި މުވައްޒަފުންނަށް ދޫކުރެވޭ ކްރެޑިޓް ސްކީމްތަކާއި ފެސިލިޓީތައް ނުހިމެނޭނެއެވެ.