28 Oct 2011, 13:52
ރިޔާޒް (އޮކްޓޯބަރ 28) : ސަޢޫދީ ވަލީއުލްޢަހްދު ކަމުގެމަޤާމަށް އެޤައުމުގެ ރަސްގެފާނު ޢަބްދުﷲ ގެ ކޮއްކޯފުޅު އަދި ދާޚިލީ ވަޒީރު ނާއިފް ބިންޢަބްދުލްޢަޒީޒް އިޚްތިޔާރު ކުރައްވައިފިއެވެ.
ސަޢޫދީ ރަސްކަމުގެ ދީވާނުން ބުނިގޮތުގައި ޢަބްދުﷲ ރަސްގެފާނު މިއަދު ހެނދުނުވަނީ ސަޢޫދީ ވަލީއުލްޢަހްދު ކަމުގެމަޤާމަށް ދާޚިލީ ވަޒީރު ނާއިފް ބިންޢަބްދުލްޢަޒީޒް އިޚްތިޔާރު ކުރައްވައި އެމަޤާމަށް އޭނާ ރަސްމީގޮތުން ޢައްޔަން ކުރެއްވުމަށް ރަސްކަމުގެ ބައިޢަތާބެހޭ ކޮމިޓީއަށް އަންގަވާފައެވެ. ވަލީއުލްޢަހްދު ކަމުގެ މަޤާމް ހުސްވީ އެމަޤާމުގައި މިހާތަނަށް ހުންނެވި ސުލްތާން ބިންޢަބްދުލްޢަޒީޒް މިދިޔަ ހޮނިހިރު ދުވަޖހު އަވަހާރަވުމާ ގުޅިގެންނެވެ.
ވަލީއުލްޢަހްދު ކަމުގެ މަޤާމަކީ ރަސްގެފާނުގެ ނައިބު ނުވަތަ "ރަސްގެފާނުގެ ބަދަލު" ކަމުގެ މަޤާމެވެ. ރަސްގެފާނު އަވަހާރަވެއްޖެނަމަ ނުވަތަ މަސްއޫލިއްޔަތު އަދާނުކުރެވޭ ޙާލަތެއް ދިމާވެއްޖެނަމަ ރަސްގެފާނުގެ ދައުރު އަދާކުރައްވާނީ ވަލީއުލްޢަހްދެވެ. މީގެއިތުރުން ރަސްކަން މުސްތަޤްބަލްގައި ލިބިވަޑައިގަންނެވާނެ ބޭފުޅަކީވެސް ވަލީއުލްޢަހްދެވެ.
ނާއިފް ބިންޢަބްދުލްއަޒީޒަކީ އިސްލާޙީ ބަދަލުތަކަށް ލޯބިނުކުރައްވާ ކޮންޒަވެޓިވް ޚިޔާލުގެ ބޭފުޅެއް ކަމަށް ޚަބަރު ލިބެއެވެ. ސައޫދީ އަރަބިޔާގެ ބާނީ ޢަބްދުލްއަޒީޒް އާލްސުޢޫދްގެ، މިހާރު ދުނިޔޭގައި ތިއްބެވި ފިރިހެން ބޭފުޅުންގެ ތެރެއިން ދެވަނައަށް އެންމެ ދޮށީ ނާއިފް އެވެ. އޭނާގެ އުމުރުފުޅަކީ 77 އަހަރެވެ. ނާއިފް އާމެދު ސަޢޫދީ މުޙައްލިލުންނާއި ތަޖްރިބާކާރުން ވިދާޅުވަނީ އޭނާއަކީ އާލްސުޢޫދުގެ ޝާހީ އާއިލާގެ ވިރާޘީ ރަސްކަން ދެމެހެއްޓުމުގެ ކޮންޒަވެޓިވް ވިސްނުމުގެ ބޭފުޅެއް ކަމުގައެވެ.
ސަޢޫދީ އަރަބިޔާ، މުއްސަނދި ޤައުމެއްގެ ގޮތުގައި ދެމެހެއްޓޭނީ އާލްސުޢޫދުގެ ވިރާޘީ ރަސްކަން ބާރުގަދަ ރަސްކަމެއްގެ ގޮތުގައި ދެމިއޮވެގެންކަމަށް ނާއިފް ވަރަށް ބޮޑަށް ޤަބޫލުކުރައްވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުން ނާއިފަކީ އާލްސުއޫދުގެ ވިރާޘީ ރަސްކަން ދެމެހެއްޓުމަށް މަސައްކަތްކުރައްވާ އަދި ރަސްކަން ދެމެހެއްޓުމުގެ އެންމެ ބޮޑު އެއްބާރުކަމަށްވާ ސަޢޫދީ ދީނީ މުއައްސަސާތަކާއި ދީނީ ޢިލްމުވެރިންނާ ގުޅުން ބޮޑު ބޭފުޅެއްވެސްމެއެވެ.
ވޭތުވެދިޔަ ދެތިން އަހަރުގައި ރަސްގެފާނާއި ވަލީއުލްޢަހްދު ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާތީ ސައޫދީ ރަސްކަން ހިންގުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމާގުޅޭ ނިންމުންތައް ނިންމުގައި އެންމެ ބޮޑު ދައުރެއް އަދާކުރައްވާފައިވަނީ ނާއިފް އެވެ. މިހާރުގެ ރަސްގެފާނު ޢަބްދުﷲ އަކީވެސް އުމުރު މައްޗަށް ގޮސްފައިވާ ބަލިބޭފުޅެއް ކަމަށްވާތީ ސައޫދީ ވެރިކަމުގެ ޙަޤީޤީ ބާރުތައް ދެން އޮންނާނީ ނާއިފްގެ އަތްޕުޅުގައި ކަމަށް ވަނީ ބެލެވިފައެވެ.
ނާއިފް އުފަންވެ ވަޑައިގެންނެވީ 1933 ވަނަ އަހަރު ތާއިފް ގައެވެ. (އަލްޖަޒީރާ)