04 Jul 2019, 09:36
ޑާކްރެއިން އެންޓަޓެއިންމަންޓްގެ އެންމެ އަގުބޮޑު ފިލްމު "މާމުއި" ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ރެޑް ކާޕެޓް ހަފްލާއެއްގައި ޕްރިމިއާކޮށްފަ އެވެ.
ރެޑް ކާޕެޓް ހަފްލާގައި ވެސް ގިނަ ބައެއްގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)ގެ ކޮސްޓިއުމަށެވެ. ރެޑް ކާޕެޓް މަތިން ހިނގާލާފައި ދިޔައިރު އޭނާ އަށް ސްޓޭޖާ ހަމައަށް ދާން ވެސް ކުޑަ ވަގުތުކޮޅެއް ނެގިއެވެ. ސެލްފީ ނަގަން މީހުން އެދޭވަރުންނެވެ.
އެއްވެސް ފިލްމެއްގެ ޕްރިމިއާ ހަފްލާ އަށް ފިލްމުން ފެންނަ ކެރެކްޓާގައި ބޭނުންކުރާ ހެދުން އެއްޗެހި ލާތަނެއް ނުފެނެއެވެ. ނަމަވެސް "މާމުއި" ރެޑް ކާޕެޓް ހަފްލާ އަށް ޝާއްކޮ ދިޔައީ ފިލްމުގައި އޭނާ ފެންނަގޮތަށް "ފުލް ކެރެކްޓާގަ"އެވެ.
ބެލުންތެރިން ޝާއްކޮ އައްމަޑޭ އާ އެއްކޮށް ފޮޓޯއެއް ނަގާލަނީ---
ހުދު ގަމީހަކާ ހުދު ފަޓުލޫނެއް ލައިގެން ހުރިއިރު ލޮލުގައި އަޅާފައިވާ އައިނަކީ ގިނަ ބަޔަކު ލޮލުގައި އަޅައިގެން އެއްޗެކެވެ. ބޮޑު އައިނެއް އަޅައިގެން ބަޑިއެއް ހިފައިގެން ރެޑް ކާޕެޓް ހަފްލާގައި އޭނާ ފެނިގެންދިޔައިރު އޭނާ އާ އެކީ ސެލްފީ ނެގުމަށް ގިނަ ބަޔަކު ވަނީ ފިލްމު ނިމުމުން ކިޔު ދަމާލާފައެވެ.
ޝާއްކޮ އައްމަޑޭ އާއެއްކޮށް ރިޝްމީ ފޮޓޯއެއް ނަގަލަނީ-- ފޮޓޯ/ ސޯޝަލް މީޑިއާ
ފިލްމުގައި ޝާއްކޮ އައްމަޑޭ ފެނިގެންދަނީ "ހުދުމުހުތާރު" ކެރެކްޓާ އިންނެވެ. އެ ފިލްމުގައި އޭނާގެ އެއް ލޮލަށް ހުދު ލެންސެއް ބޭނުންކޮށްފައިވާއިރު އެކަމުގެ ސަބަބުން "ހުދުމުހުތާރު" ކެރެކްޓަރު އިތުރަށް ވަރުގަދަކޮށްދީފައިވެއެވެ.
"މާމުއި" ގައި ޝާއްކޮ ފެނުނީ ވަރަށް ތަފާތުކޮށެވެ. މިހާތަނަށް އެންމެ ތަފާތުކޮށް އޭނާ ފިލްމެއްގައި ފެންނަ ފުރަތަމަ ފަހަރަށް މި ފިލްމު ވަނީ ވެފައެވެ. އެއްލޮލުގެ ކަޅި ބަދަލުވެފައި ބިރުވެރި އެވެ. ބޮޑު ހުދު ތުނބުޅިއަކާއި އެންމެ އިސްތައްޓެއް ވެސް ނެތް މުޅީން ތަލަ ބޮލެކެވެ. ހުސް ހުދު ކުލައިގެ ހެދުމުގައެވެ.
ފިލްމުގެ ބައެއް ތަރިންނާއެކު ބެލުންތެރިން ފޮޓޯ ނަގާލަނީ---
ކޮންމެ ރެއަކުވެސް ފިލްމުގެ ކާސްޓުން ފިލްމު ނިމެންދެން އޮލިމްޕަހުގައި މަޑުކުރެއެވެ. ބެލުންތެރިންގެ ކޮމަންޓް ހޯދާލައި ބެލުންތެރިންނާއެކު ސެލްޕީ ނަގާލާށެވެ.
"މާމުއި" މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނައިރު ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އޮލިމްޕަސް ކައުންޓަރުން ފިލްމުގެ ޓިކެޓް ލިބޭނެއެވެ. "މާމުއި" އަކީ ވަރުގަދަ ކޮމެޑީއެއްކަން ބެލުންތެރިން އިއްތިފާގުވެއްޖެއެވެ.