ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގާ ތަހުގީގު ތަކުގައި އެ ކޮމިޝަނުންގެ މެމްބަރުން ނޫން ފަރާތްތައް ހިމެނުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

އެކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް މިހާރު ބަލަމުން ދަނީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ކޮމިޓީއަކުންނެވެ. އެ ކޮމިޓީތަކުން ދަނީ ގިނަ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތައް ބަލަމުންނެވެ.

ޖޭއެސްސީގެ ތަހުގީގުތަކުގައި މެމްބަރުން ނޫން ފަރާތްތައް ބައިވެރިކުރުމަށް ނިންމީ މިއަދު ބޭއްވި އެކޮމިޝަންގެ ޖަލްސާގައެވެ. ޖޭއެސީސީން ބުނި ގޮތުގައި، އެގޮތަށް ތަހުގީގުގައި ހިމަނާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކާއި އެ ޝަރުތުތައް ހަމަވާ ފަރާތްތައް ހޯދުމަށް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

ޖޭއެސްސީގެ ގާނޫނުގެ 23 ވަނަ މާއްދާގައި ބުނާގޮތުން ތަހުގީގު ކުރާ ކޮމިޓީތަކަށް ކޮމިޝަނުގެ މެމްބަރުންނޫން މީހުން އައްޔަން ކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.

ތަހުގީގު ކުރާ ކޮމިޓީގައި ނުހިމެނޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ފަރާތްތައް:

1. މައްސަލައަކާއި ގުޅިގެން ސުވާލުކުރެވޭ ނުވަތަ ތަހްގީގުކުރެވޭ ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓުގެ މުވައްޒަފަކު
2. މައްސަލަ ބެލުމަށް ތަހްގީގުކުރާ ކޮމިޓީއެއް އެކުލަވާލަންޖެހޭކަމަށް ފެންނަ ހާލަތުގައި ކޮމިޓީ އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވި މީހަކު