މިއަދު އިންސާނުންނަށް އޮތް އެންމެ ބޮޑުގޮންޖެހުމަކީ ތަފާތު ނަސްލުގެ މީހުންނާއި ދީނުގެ ފިކުރުގެ މީހުންނާއި އެކި ގައުމުތަކުގެ މީހުންނާ އެކު އުޅެންޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަށް ރައީސް ނަޝީދު އޮސްޓްރޭލިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ޕާތުގައި ހުންނަވައިގެން މިއަދު ދެއްވި ރޭޑިއޯ ހިތާބުގައި ދުނިޔޭގެ އާބާދީ ހަތް ބިލިއަނަށް އަރާތީވެ، އެކަމުގެ މައްޗަށް ވާހަކަ ދެއްކެވި އެވެ. މި މަހުގެ 31 ވަނަ ދުވަހު ދުނިޔޭގެ އާބާދީ ހަތް ބިލިއަނަށް އަރާނެ ކަމަށް އަދާޒާކުރެވިފައިވުމުން ރައީސް ވިދާޅުވީ ދުނިޔޭގެ އާބާދީ ހަތް ބިލިއަނަށް އެރުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި އަދި ގޮންޖެހުމެއް ވެސް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިންސާނުން ދުޅަހެޔޮ ސިއްހަތެއްގައި އުމުރުން ގިނަ ދުވަސްވަންދެން ދިރިއުޅެމުންދާ ކަމަށާއި ބަލިބަލީގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް ދަށް ކުރެވިއްޖެ ކަމަށެވެ. އަދި ދުނިޔޭގައި އެކިހިސާބުގައި އުޅޭ މީހުން ޓެކްނޮލޮޖީގެ ޒަރީއާ އިން ގުޅާލާ ލާމެހިފައިވާ ކަމަށާއި މިހުރިހާ ކާމިޔާބެއް، ދެމެހެއްޓޭނީ މިއަދު އެންމެންގެ ޢަމަލުތައް ބަހައްޓާ ގޮތުގެ މައްޗަށް ބިނާކޮށްގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ވެސް 1980ގައި އުފަންވީ މީހުނަށް ވުރެ، މިހާރު އުފަންވި ކުދިން، 20 އަހަރު އިތުރަށް ދުނިޔޭގައި އުޅޭނެ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ޅަފަތުގައި މަރުވާ ކުދިންނާއި ވިހެއުމުގެ ތެރޭގައި މަރުވާ މައިންގެ ޢަދަދު ރާއްޖޭގައި ވަރަށް ބޮޑުތަން ދަށްކުރެވިއްޖެ ކަމަށެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ އާބާދީ އިތުރުވަމުންދާ ވަރަކަށް މުއްސަނދިންނާއި ފަގީރުންނާ ދެމެދުގެ ފަރަގު ފުޅާވަމުންދާ ކަމަށާއި ގިނަ ޢަދަދެއްގެ އިންސާނުން، ދާއިމީގޮތަށް ކާނާ އާއި ސާފު ބޯފެން ލިބުމުގެ ދަތި ތަޙައްމުލު ކުރަމުންދާ ކަމަށެވެ. ރާއްޖޭގައި ވެސް ކެއިންބުއިމުގެ ހަރަދުތައް ފަގީރުންނަށް ވުރެ، މުއްސަނދިން 10ގުނަ އިތުރަށް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަތޮޅުތަކުގައި އުޅޭ ޒުވާނުންގެ ތެރެއިން ދެބައިކުޅަ އެއްބައި އަންހެންކުދިން އަދި ހަތަރުބައިކުޅަ އެއްބައި ފިރިހެންކުދިން އާމްދަނީ ހޯދަން ހަރަކާތްތެރިނުވާ ކަމަށެވެ.

ރާއްޖޭގެ އާބާދީގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އާބާދީ މިހާރު ލަފާކުރެވޭ އަދަދަކީ، 321500 ކަމަށާއި 1985ގައި ރާއްޖޭގެ އާބާދީއަކީ 180088 ކަމަށެވެ.

ތަޖުރިބާކާރުން އަންދާޒާކުރާ ގޮތުގައި ރާއްޖޭގެ އާބާދީ 2025 ވަނަ އަހަރު ހަތަރު ލައްކައަށް އަރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަންނަ ހޯމަ ދުވަހު، މި އޮކްޓޯބަރު 31 ވަނަ ދުވަހު، ދުނިޔޭގެ އާބާދީ 7 ބިލިއަނަށް އަރާ ކަމަށް މިހާރު މިވަނީ އަންދާޒާ ކުރެވިފައި. ރާއްޖޭގެ އާބާދީ މިހާރު ލަފާކުރެވޭ އަދަދަކީ، ތިންލައްކަ އެކާވީސްހާސް ފައްސަތޭކަ. 1985ގައި ރާއްޖޭގެ އާބާދީއަކީ 180088. ތަޖުރިބާކާރުން އަންދާޒާކުރާގޮތުގައި ރާއްޖޭގެ އާބާދީ 2025 ވަނަ އަހަރު ހަތަރު ލައްކަ އަށް އަރާނެ. ރާއްޖޭގައި 25 އަހަރުން ދަށުގެ އާބާދީ %51 އަށް އަރާ. އަދި އާބާދީގެ ހަތަރުބައި ކުޅަ އެއްބައި މީހުންނަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުން. ރާއްޖޭގައި އެވްރެޖްކޮށް އަންހެން ކުދިން 19 އަހަރުގައި އަލަތު ކައިވެނިކުރޭ. އަދި 20 އަހަރުގައި ފުރަތަމަ ދަރިފުޅު ލިބޭކަމަށް ހިސާބުތައް ދައްކާ،" ރައީސް ނަޝީދު ދެއްވި 121 ވަނަ ރޭޑިއޯ ހިތާބުގައި މިއަދު ވިދާޅުވި އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

President Nasheed (mp3)