ހުޅުމާލޭގެ އިރުމަތީ ފަރާތުގައި އޮންނަ ބީޗު ފްރޮންޓް ސަރަހައްދުގައި ރެސްޓޯރެންޓުތަކުން ބޭނުން ކުރަމުން އަންނަ ބީޗް އޭރިއާގައި ހުރި ގޮނޑިތަކާއި މޭޒުތައް ނެގުމަށް އަނެއްކާވެސް ނޯޓިސް ފޮނުވައިފި އެވެ.

އާންމު ސަރަހައްދެއްގެ ގޮތުގައި އޮތް ހުޅުމާލޭ ބީޗާއި ހޭޅިފަށުގައި ރެސްޓޯރެންޓުތަކުން ހަޓު ޖަހައި މޭޒާއި ގޮނޑި ބަހައްޓައި ވިޔަފާރި ކުރަމުން ގެންދާތީ އެކަމުގެ ޝަކުވާ ބޮޑުވެ، މިދިޔަ ޖެނުއަރީ މަހުގެ 31 ގެ ކުރިން އެ ސަރަހައްދުން ހަޓުތައް ނެގުމަށް އެޗްޑީސީ އިން އެ ފަރާތްތަކަށް ނޯޓިސް ފޮނުވިއެވެ.

ނަމަވެސް އެފަހުންވެސް އެ ސަރަހައްދު ބައެއް ރެސްޓޯރެންޓްތަކުން އަންނަނީ ބޭނުން ކުރަމުންނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު މިއަދު "ސަން" އަށް ވިދާޅުވީ، އެ ސަރަހައްދުގައި މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީވެ، އެ ސަރަހައްދު ބޭނުން ކުރަމުން އަންނަ ކެފޭތައް މިހާރު އެ ސަރަހައްދު ބޭނުން ނުކުރުމަށް އެދި އެ ފަރާތްތަކަށް މިހާރު 30 ދުވަހުގެ ނޯޓިސް ފޮނުވަމުންދާ ކަމަށެވެ.

"ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާ ނަރުދަމާ ހޮޅިތަށް މި ދަނީ އެ ސަރަހައްދުން. އެ މަސައްކަތް މި މަހުގެ ނިޔަލަށް ފަށަން ފަނީ ތައްޔާރުވެފައި. އެއާއެކު މިހާރު އެ ސަރަހައްދު ބޭނުން ކުރަމުން އަންނަ ކެފޭތަކަށް މިހާރު ދަނީ ނޯޓިސް ފޮނުވަމުން،" ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ، އެ މަސައްކަތް ކުރުމަށް ފަހު، އަނެއްކާ ވެސް އެ ސަރަހައްދު އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

"މަސައްކަތައް ފަހު ވަކި ޕްލޭނެއްގެ ދަށުން އާންމުނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލާނީ. ވިޔަފާރީގެ ބޭނުމަށް އެ ސަރަހައްދު ހުޅުވާލަނީކީ ނޫން،" މަސައްކަތައްފަހު، ވިޔަފާރީގެ ބޭނުމަށް އެ ސަރަހައްދު ދޫކުރުމަށް ހަމަޖެހިފައިވޭތޯ ސުވާލުކުރުމުން ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ، އެކަމާ ގުޅިގެން އިތުރު ތަފްސީލާއެކު މާދަމާ އެޗްޑިސީއިން ބަޔާނެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޭފޭތައް އެ ސަރަހައްދުން ނެގުމަށް އެދި، އެޗްޑީސީ އިން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބީޗު ހުސްނުކޮށްފި ނަމަ އެޗްޑީސީ އިން އެތަންތަން ހުސް ކުރާނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް މަސައްކަތް ކުރިއަށް ގެންދާ ނަމަ ފިޔަވަޅު ވެސް އަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ނަަމަވެސް މިހާތަނަށް ކެފޭތައް ނުނަގާ ހުރި ވިޔަފާރިތަކާމެދު އެވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ސުހައިލް ވިދާޅުވިއެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭ ބީޗު ސަރަހައްދު ބޭނުން ކުރުމާ ގުޅޭ އުސޫލެއް އެކުލަވާލާނެ ކަމަށް ވެސް މީގެ ކުރިން ބުނެފައެވެ. ނަމަވެސް މިހާތަނަށް އަދި އެފަދަ އުސޫލެއް އެކުލަވާލައިފައި ނުވެއެވެ.