ވޮޝިންޓަން (ޖުލައި 3) : ޔަމަންގެ ހޫޘީ ޖަމާއަތުން ސައޫދީ އަރަބިޔާގެ އަބްހާ އެއާޕޯޓަށް އިއްޔެ ދިން ޙަމަލާތައް އެމެރިކާއިން ކުށްވެރިކޮށްފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން މޯގަން އޯޓީގާސް ވިދާޅުވީ ހޫޘީ ސައޫދީ އަބްހާ އެއާޕޯޓަށް ދިން ހަމަލާ އަކީ ދިން އުދުވާނީ ހަމަލާއެއްކަމަށާ އެޙަމަލާ ވަރަށް ހަރުކަށި އިބަރާތުން އެމެރިކާ ކުށްވެރި ކުރާ ކަމުގައެވެ. ހޫޘީންގެ މިހަމަލާއަކީ ތިން ހަފްތާތެރޭގައި އަބްހާ އެއާޕޯޓަށް ދިން ހަތަރުވަނަ ހަމަލާކަމަށާ މި ހުރިހާ ހަމަލާތަކެއްވެސް ހޫޘީން ދީފައިވަނީ އީރާނުން އުފައްދާފައިވާ ޓެކްނޮލޮޖީއާއި ހަތިޔާރުންކަމަށް ވެސް މޯގަން ވިދާޅުވިއެވެ. އަދި ހޫޘީން ސައޫދީ އަށް ދޭ ޙަމަލާތަކުގައި ސައޫދީ އާންމުން މަރުވެ ޒަޚަމްވަމުންދާތީއާ އަދި ހޫޘީންގެ ހަމަލާތަކުގެ ސަބަބުން ސައޫދީގައި ބިރުވެރިކަން އުފެދިފައިވާތީ ހޫޘީން ގެ ހަމަލާތައް ބަލައި ނުގަނެވޭނެކަމަށްވެސް އެ އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ވިދާޅުވިއެވެ.

އަބްހާ އެއާޕޯޓަށް އިއްޔެ ހޫޘީން ދިން ރައްދު ހަމަލާތަކަށްފަހު ޔަމަންގެ ވެރިރަށް ސަންއާގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ހޫޘީންގެ ތަރްޖަމާން ބްރިގޭޑީއާ ޔަހްޔާ ސަރީއު ވިދާޅުވީ ޑްރޯން ބޭނުންކޮށްގެން ސައޫދީ އަބްހާ އެއާޕޯޓްގައި އަސްކަރީ މަތިންދާ ބޯޓުތައް ޕާކްކޮށްފައި އޮންނަ ސަރަހައްދަށް އިއްޔެ ވަރުގަދަ ހަމަލާތަކެއްދީފައިވާނެ ކަމަށާ އެޙަމަލާތަކާއެކު އެ އެއާޕޯޓަށް ގެއްލުންތަކެއް ލިބި އެއާޕޯޓްގެ އޮޕަރޭޝަންތައް ދެގަޑީއިރަށް ހުއްޓިގެންދިޔަ ކަމުގައެވެ.

ސައޫދީ ސަރުކާރުންވެސްވަނީ ހޫޘީންގެ ޑްރޯން ހަމަލާތަކެއް އަބްހާ އެއާޕޯޓަށް އަމާޒުވިކަމަށް އެއްބަސްވެފައެވެ. ސައޫދީ އަސްކަރީ މަސްއޫލުވެރިއަކާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސްއެޖެންސީ ބުނީ ހޫޘީންގެ ޑްރޯން ހަމަލާތަކުގެ ސަބަބުން އަބްހާ އެއާޕޯޓުން 9 މީހުން ޒަޚަމްވި ކަމަށާ އޭގެތެރޭގައި ސައޫދީ 8 މީހުންނާއި އިންޑިއާ މީހަކު ހިމެނޭކަމުގައެވެ.

މި ޙަމަލާގެ ކުރިން ހޫޘީން ތިން ފަހަރު މަތިން އަބްހާ އެއާޕޯޓަށް ޑްރޯން ހަމަލާތައް ދީ އެ އެއާޕޯޓްގެ އެކިތަންތަނަށް ގެއްލުންތައް ދީފައިވެއެވެ. އަބްހާ އެއާޕޯޓްގެ އިތުރުން ހޫޘީން ގެންދަނީ ޔަމަނަށް ސައޫދީ ދޭ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ސައޫދީ އަސްކަރީ މަރުކަޒުތަކަށާއި ތެލުގެ މަރުކަޒުތަކަށް ޑްރޯންއާއި ބަލިސްޓިކް މިސައިލްއާއި ކްރޫޒް މިސައިލް ބޭނުންކޮށްގެންވެސް ހަމަލާތައް ދެމުންނެވެ. އަދި ހޫޘީންވަނީ ސައޫދީ ސިފައިން ޔަމަންގައި ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާނުލާނަމަ ސައޫދީ ފެންޕްލާންޓްތަކާއި ކަރަންޓް އުފައްދާ އިންޖީނުގެތައްފަދަ މަދަނީ އިންފްރާސްޓްރަކްޗާ އަށް ވެސް ހަމަލާތައް ދޭނެކަމުގެ އިންޒާރުވެސް އެތަށް ފަހަރަކު ދީފައެވެ.

ހޫޘީން ސައޫދީ އަށް ހަމަލާދެނީ އީރާން ގެ ހަތިޔާރު ބޭނުންކޮށްގެން ކަމަށް އެމެރިކާއާއި ސައޫދީން ބުނާއިރު ސައޫދީން ޔަނަމަށް ދޭ ޙަމަލާތަކުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ އެމެރިކާގެ ހަތިޔާރު ކަމަށް ހޫޘީން ބުނެއެވެ. އަދި ސައޫދީ އަށް ޔަމަންގެ ހަނގުރާމަ ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އަސްކަރީ ޖާސޫސީ މައުލޫމާތު ފޯރުކޮށްދެނީވެސް އެމެރިކާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ)