ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ބަދަލު ކުރުމަށާއި އެހެންވެސް ބައެއް އިސްލާހު ތަކާއެކު ޖޭއެސްސީގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.

ޖޭއެސްސީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތުމަށް 68 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

އެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ ފަހަތަށް "ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުން" އެ ނަމުގައި މާއްދާއެއް އިތުރު ކުރަން ހުށަހަޅާފައިވެ އެވެ.

ޑީޖޭއޭ މިހާރު ހިންގަމުން އަންނަނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. ޖޭއެސްސީގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވާގޮތުން އެ އިސްލާހު ފާސްވާ ހިސާބުން "ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި އިދާރާއެއް އުފެދޭނެ އެވެ. އަދި އެ އިދާރާ އުފެދުމާއެކު މިހާރު ހިންގަމުން އަންނަ ޑީޖޭއޭ އުވި އެ އިދާރާގެ ހުރިހާ މުވައްޒަފުންނާއި މަސައްކަތާއި މާލީ އަދި މަދަނީ ޒިންމާ ތަކާއި ހައްގުތައް އަލަށް އުފައްދާ އިދާރާގެ ދަށަށް ބަދަލުވާނެ އެވެ.

މިހާރު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކުރަމުން އަންނަ ހުރިހާ މަސައްކަތެއްވެސް ހަމަ އެގޮތަށް ކުރަން ޖެހޭ ގޮތަށް ޖޭއެސްސީ ގާނޫނުގައި ލިޔެފައިވެ އެވެ. އެކަމަކު ހުރިހާ ކަމެއްވެސް ކުރަން ޖެހެނީ ޖޭއެސްސީއިން އަންގާ ގޮތުގެ މަތިން ކަމަށް ބުނެފައިވެ އެވެ.

ކޯޓުތަކާއި ފަނޑިޔާރުންނާއި ގުޅުން ހުރިހާ އިދާރީ ކަމެއްވެސް އޭރުން ބަލަހައްޓަން ޖެހެނީ އެ ޑިޕާޓްމެންޓަށެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ އިދާރީ އެންމެ އިސް ފަރާތަކީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް އިސްލާހުގައި ލިޔެފައިވެ އެވެ. އަދި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައްޔަނުކޮށް ވަކިކުރާނީ ޖޭއެސްސީން ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް ހުންނަ މީހާއަކީ އެއްވެސް ވިޔަފާރިއެއް ކުރެވޭނެ މީހެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ. އަދި ސަރުކާރުގެ އެހެން މަގާމެއްގައިވެސް ނުހުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އެމީހަކީ 35 އަހަރު ވެފައިވާ މީހަކަށް ވާން ޖެހޭ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

އެ ބިލު ދިރާސާ ކުރުމަސް ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.