ފާއިތުވި މަސްތަކާ އަޅާ ބަލާ އިރު، މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން އިންފްލުއެންޒާ ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންފްލުއެންޒާގެ ބާވަތްތަކުގެ ތެރެއިން މި ދުވަސްވަރު އެންމެ ގިނައިން ފެތުރެމުން އަންނަނީ އިންފްލުއެންޒާ ބީ ކަމަށެވެ.

އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ ފަދަ ބަލިތަކަކީ ވަރަށް ފަސޭހައިން ފެތުރޭ ބަލިތަކަށް ވާތީ، ބަލިން ރައްކާތެރިވުމުމުގެ ފިޔަވަޅުތައް އެޅުމަށް އެ މިނިސްޓްރީ އިން އިލްތިމާޒް ކުރެއެވެ.

ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް:

- އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ރުމާލަކުން ނުވަތަ ޓިޝޫ އަކުން ނިވާކުރުން. އަދި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމައަށް އެއްލާނުލުން.

- އާންމު ސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނި ލައިގެން އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުން.

- ރޯގާ ޖެހި ކެއްސާ ނަމަ، އޮފީސް، ސްކޫލް އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަ ކުދިން ނުގެންދިއުން.

- އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުން

- ހުން އައިސް ގައިގާ ރިއްސާ ނަމަ ޕެރަސެޓެމޯލް ނޫން ބޭހެއް ބޭނުން ނުކުރުން

- އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ފުރަތަމަ ތިން ދުވަހު ގޭގައި މަޑުކޮށްލުން

- ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވާ ނަމަ، ނުވަތަ ހުން އައިސް ރޯގާ ޖެހި ތިން ދުވަހަށް ވުރެ ގިނަ ދުވަސް ވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން

- ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން (އުމުރުން ފަސް އަހަރަށް ވުރެ ކުޑަ ކުދިން، މާބަނޑު މީހުން، އުމުރުން ދޮށީ މީހުންނާއި ދިގު މުއްދަތަކަށް ފަރުވާ ކުރާ މީހުން) އިންފްލުއެންޒާ އިން ރައްކާތެރިވުމަށް ވެކްސިން ޖެހުން އަދި މިފަރާތްތައް ރޯގަ ޖެހި ހުން އަންނަ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން

- ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއެކު ވީހާ ވެސް މަދު މީހުން ހޮސްޕިޓަލަށް ދިއުން

- ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު މީހުން ނުދިއުން

ހެލްތު މިނިސްޓްރީ އިން ބުނީ ބައްޔާ ގުޅޭ އިތުރު މައުލޫމާތު އެ މިނިސްޓްރީގެ ޓުވިޓާ އަދި ފޭސްބުކް އިން ލިބެން ހުންނާނެ ކަމަށެވެ.

މި ދުވަސްވަރު ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު ގިނަ ވުމުން އައިޖީއެމްއެޗް އިން ވަނީ އިއްޔެ އެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ވެސް ހުޅުވައިފަ އެވެ.

އެ ކްލިނިކުން ކޮންމެ ދުވަހެއްގެ ހަވީރު ފަހަކުން ދަންވަރު 12އާ ހަމައަށް އެޕޮއިންޓްމެންޓަކާ ނުލައި ފަރުވާ ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.