27 Oct 2011, 17:23
ޕެރިސް (އޮކްޓޯބަރ 27) : ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަން ދެން މާގިނަ ދުވަހަށް ދެމިނޯންނާނެކަމަށް ފަރަންސޭސި ޚާރިޖީވަޒީރު އެލަން ޖުޕޭ ވިދާޅުވެއްޖެއެވެ.
"ރޭޑިޔޯ ފްރާންސް އިންޓަރނޭޝަނަލް" އަށް ދެއްވި ބަސްދީގަތުމެއްގައި ޖުޕޭ ވިދާޅުވީ ސޫރިޔާގެ ރައްޔިތުންގެ އުތުރިއެރުންތަކާއި ބޭރުގެ ފިއްތުންތަކާއި ބައިނަލްއަޤްވާމީ އެކަހެރިކުރުން ތަކުގެ ސަބަބުން ބައްޝާރުލްއަސަދްގެ ވެރިކަމުގެ ނިޒާމަށް މުސްތަޤްބަލެއްނެތް ކަމުގައެވެ. ނަމަވެސް ބައްޝާރުލްއަސަދްގެ ނިޒާމަށް އދ. މެދުވެރިކޮށް ފިއްތުންތައް ކުރިމަތިކުރުމަށާއި ދަތުކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޔޫރަޕާއި އެމެރިކާ މިހާތަނަށް ކުރި ހުރިހާމަސައްކަތެއް ނާކާމިޔާބު ކަމަށް ޖުޕޭ އެއްބަސްވެ ވަޑައިގެންނެވިއެވެ.
ނަންހާމަކުރަންނޭދޭ ސޫރިޔާގެ މަސްއޫލުވެރިއަކުވަނީ ލީބިޔާއާ ދެކޮޅަށް ޢަސްކަރީ އޮޕަރޭޝަން ހިންގިގޮތަށް ސޫރިޔާއާ ދެކޮޅަށް ޢަސްކަރީ އޮޕަރޭޝަނެއް ހިންގަން ނޭޓޯއަށްވެސް އަދި އެމެރިކާއަށްވެސް ނުކެރޭނެކަމަށް ވިދާޅުވެފައެވެ. ސޫރިޔާއާ ޢަސްކަރީ ގޮތުން ގޯނާކުރަން އެމެރިކާއަށާއި ޔޫރަޕަށް ނުކެރިގެންއުޅޭ މައިގަނޑު މައްސަލައަކީ މިގޮތަށް ކުރާގޯނާއެއް އެންމެފަހުން ޢަރަބި އިސްރާއީލު ހަނގުރާމައަކަށް ބަދަލުވެ ބައްޝާރުލްއަސަދްގެ ނިޒާމަށް އެއިން ނާޖާއިޒު ފައިދާނެގޭނެކަން ހުޅަނގަށް ޔަގީންވާތީ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.
ހުޅަނގުން ސޫރިޔާއަށް ޙަމަލާދީފިނަމަ ސޫރިޔާއިން އިސްރާއީލަށް ގޯނާކުރާނެ ކަމަށާއި ނަތީޖާއަކީ އޭގެތެރެއަށް އިސްރާއީލުވަދެ އެންމެފަހުން ޢަރަބި އިސްރާއީލު ހަނގުރާމައަކަށް ބަދަލުވެ އެއިންނާޖާއިޒު ފައިދާނަގައިގެން ރައްޔިތުންގެ އުތުރިއެރުމުން ސަލާމަތްވުމުގެ ފުރްސަތު ބައްޝާރުގެ ނިޒާމަށް ފަހިވެގެންދިޔުން ކަމަށް އެފަރާތްތަކުން ދެކެއެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކުންވެސްވަނީ މިސަބަބުތަކަށްޓަކައި ބައްޝާރުލްއަސަދްގެ ނިޒާމާދެކޮޅަށް ޢަސްކަރީ ފިޔަވަޅު އެޅުމަށް ތާއީދު ނުކުރާކަން ހާމަކޮށްފައެވެ.
ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ކުރިޔަށްގެންދާ މުޒާހަރާތަކަށް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން އިއްޔެވެސް 15 މީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވެފައިވެއެވެ. ސޫރިޔާގެ އެތެރޭގެ އިޙްތިޖާޖްތަކާއި ރައްޔިތުންގެ އުތުރިއެރުންތައް ކިތަންމެ ބޮޑުނަމަވެސް ސޫރިޔާ ސަރުކާރު ބައިބައިވެ ސިފައިންގެ މުއައްސަސާ ރޫޅުންފަދަ ކަމެއްގެ ބިރު ބައްޝާރުލްއަސަދުގެ ނިޒާމަށް އަދި ނެތްކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)