03 Jul 2019, 11:28
ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފައްދާ ބާ ކައުންސިލުގެ ހިނގާ ކޮމިޓީ އިންތިހާބު ކުރަން ބާއްވާ އިންތިހާބަށް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނުން ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް ބާއްވާ ފުރަތަމަ އިންތިހާބު ބާއްވަން މަތިކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ބާ ކައުންސިލުގެ އިންތިހާބު މިމަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ބާ ކައުންސިލުގެ އިންތިހާބަށް 1.2 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭ ކަމަށާއި ބަޖެޓް ހޯދަން މިއަދު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށެވެ.
ބައެއް ރަށްރަށުގައިވެސް ވޯޓު ލެވޭގޮތަށް ބާ ކައުންސިލުގެ އިންތިހާބުގެ އިންތިޒާމު ކުރަން ވިސްނާފައިވާތީ އެވަރަށް ހަރަދުދާނެ ކަމަށް ލަފާކޮށް ބަޖެޓަށް 1.2 މިލިއަން ރުފިޔާ ހޯދަން ހުށަހަޅަނީ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ބާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލުމަށް މާލޭގައި ބަހައްޓަން ނިންމާފައި ވަނީ ދެ ފޮށްޓެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ ހުރިހާ ފަރާތްތަކެއްވެސް ފުރަތަމަ ރަޖިސްޓްރީވެފައި ތިބޭނީ މާލޭގައި ބަހައްޓާ ފޮށިތަކަށް ކަމަށާއި، އެހެން ތަނެއްގައި ވޯޓު ލާން ބޭނުންވާ މީހުންނަށް ރީ ރަޖިސްޓްރީކުރުމުގެ ފުރުސަތުވެސް ހުޅުވާލާނެ ކަމަށެވެ. ރީ ރަޖިސްޓްރީކުރުމަށް ވެސް ހަތަރު ދުވަސް ލިބޭނެއެވެ.
ބާ ކައުންސިލަށް އިންތިހާބު ކުރާނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސްކަމަށް އިންތިހާބުކުރެވޭ މީހަކާއި ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރެވޭ މީހަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލެކެވެ. އެ ކައުންސިލުގައި ބަންޑާރަނައިބުވެސް އިންނަވާނެއެވެ.