03 Jul 2019, 11:05
މިއަހަރު ތެރޭގައި ތަރައްގީގެ 36 ޕްރޮޖެކްޓެއްގައި ސޮއިކޮށްފައިވާ ކަމަށާއި، އެ ޕްރޮޖެކްޓުތަކުގެ ޖުމުލަ އަގު އެއް ބިލިއަނަށް ވުރެ މަތި ވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ މަރަދޫގެ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތުމުން އެކަމާ ގުޅޭގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ސޮއިކޮށްފައި ވަނީ ފެނާއި ނަރުދަމާއާއި ބަނދަރު އަދި މަގު ހެދުމުގެ 39 މަޝްރޫއެއްގައި ކަމަށެވެ.
އެއީ ބަނދަރު ހެދުމުގެ 14 މަޝްރޫއަކާއި ފެނާއި ނަރުދަމާގެ 11 މަޝްރޫއަކާއި މަގު ހެދުމުގެ ހަތް މަޝްރޫއަކާއި ފެނުގެ ތިން މަޝްރޫއަކާއި ނަރުދަމާގެ އެއް މަޝްރޫއެވެ.
އަސްލަމް ވިދާޅުވީ އެ މަޝްރޫއުތަކުގެ އަގު 1.1 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.
އޭގެ އިތުރުން ވެސް ކޮންޓްރެކްޓަރުންނާ އެކު 41 ޕްރޮޖެކްޓެއްގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި، ޓެންޑަރުގައި 20 މަޝްރޫއެއް އަދި ޑޯނާ ފަންޑިންގައި 39 މަސައްކަތެއް ހިނގާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ބަޖެޓުގައި ހިމަނާފައި ހުރި އެއްވެސް މަސައްކަތެއްގައި އަތް ނުލައި ދޫކޮށްނުލާނެ ކަމަށާއި، ނަމަވެސް ބަޖެޓު ކުޑަވުމުން ބައެއް މަސައްކަތްތައް ފެށޭނީ އަހަރު ފަހުކޮޅުގައި ކަމަށެވެ.
"ބަޖެޓުގައި ލާފަ ހުރި އެއްވެސް މަސައްކަތެއް ނުފަށާ ނުދާނެ. ތަރައްގީގެ މަސައްކަތް އެބަހުރި ކުޑަ ކުޑަ ލާރި ކޮޅެއް ޖަހާފައި. ހަމަ އަދަދެއް ޖަހާފައި. އަޅުގަނޑުމެން އަހަރު ކުރީކޮޅު އެ މަސައްކަތްތައް ފަށައިފިއްޔާ ވަކި ހިސާބަކުން ހުއްޓޭނީ. އެހެންވެ އެ މަސައްކަތްތައް އަހަރުގެ ފަހުކޮޅު ފެށޭނީ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ، ތަރުތީބު ކޮށްފައި އޮތް ޕްލޭނެއް އެބަ އޮތް ކަމަށެވެ.